ރާއްޖެ ޓީވީގެ ސީއޯއޯ ހުސައިން ފިޔާޒު މޫސާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ ހުކުމް އިއްވުން އަންނަ ބުރާސްފަތި ދުވަހަށް ތާވަލްކޮށްފިއެވެ.

ފިޔާޒުގެ މައްޗަށް އުފުލާފައިވާ ދައުވާގެ ހުކުމް އިއްވުން ބުރާސްފަތި ދުވަހަށް ތާވަލްކުރިކަން އިއުލާންކުރީ މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައެވެ.

ދައުލަތުން ކުރި ދައުވާގައި ބުނެފައި ވަނީ 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ދެވަނަ ދުވަހުގެ ރޭ މުލިއާގެ ކައިރިން ފެނުނު އައިޑީ ނައްތާލަން ފުލުހުން މަސައްކަތް ކުރަމުން ދަނިކޮށް ފުލުހެއްގެ މޭ މަތީގައި ޖަހައި ފުލުހުންނަށް ފިޔާޒު ހުރަސް އަޅާފައިވާ ކަމަށެވެ.

މިއަދު ބޭއްވި އަޑުއެހުމުގައި އޮތީ ޚުލާސާ ބަޔާން ހުށަހެޅުމެވެ. ޚުލާސާ ބަޔާން ހުށަހަޅުއްވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ ޕޮލިސް ކޯޕްރަލް މުހައްމަދު ޝާހީންގެ މޭމަތީގައި ފިޔާޒު ޖެހިކަން ދެ ފުލުހުންގެ ހެކިބަހުން އެނގޭ ކަމަށެވެ.

ބަންދުކޮށްފައިވާ ސަރަހައްދުގައި ހުއްޓަައި އެ ސަރަހައްދު ދޫކޮށް ދިޔުމަށް އެންގުމުން ފިޔާޒު ނުދާން އުޅުނުކަން ހެކީންގެ ހެކިބަހުން އެނގޭ ކަމަށް ވެސް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

ޚުލާސާ ބަޔާން ހުށަހަޅުއްވަމުން ފިޔާޒުގެ ގާނޫނީ ވަކީލާ ވިދާޅުވީ އެ ދައުވާ އަކީ އެއްވެސް އަސްލެއްގެ މައްޗަށް ބިނާވެފައިވާ ދައުވާއަކަށްނުވާތީ ދައުވާ އަށް އޭނާ އިންކާރުކޮށްފައިވާ ކަމަށެވެ.

ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުގައި ދިމާނުވާ ކަންތައްތަކެއް ހުރި ކަމަށް ވަކީލާ ވިދާޅުވިއެވެ.

ޝާހީން ޝަރީއަތުގެ މަޖިލީހުގައި ދެއްކި ވާހަކަތަކަށް ބަލާއިރު، އޭނާގެ ގައިގައި ފިޔާޒު ޖެހިގޮތެއް އޭނާއަށް ބުނެދެވިފައިނުވާ ކަމަށް ވަކީލާ ވިދާޅުވިއެވެ.

އެ ހާދިސާއާ ގުޅިގެން ރާއްޖެ ޓީވީގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ވިސާމާއި ލީވާން އަލީ ނާސިރުގެ މައްޗަށް ދައުލަތުން އުފުލި ދައުވާ ސާބިތުވެ ވަނީ ބޮޑު އަދަދަކުން ޖޫރިމަނާކޮށްފައެވެ.