31 Jul 2017, 11:42
ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ދިއްގަރު ދާއިރާގެ މެންބަރު އަދި ޕެޓިޝަން ކޮމެޓީގައި ހިމެނިވަޑައިގަންނަވާ އަހުމަދު ފާރިސް މައުމޫން ކޮމެޓީއަށް ހާޒިރުކުރަން ދެން އެ ކޮމެޓީގެ ބައްދަލުވުންތައް މެދުކަނޑާލައިފި އެވެ.
މަހެއްހާ ދުވަހުގެ މެދުކެނޑުމަށް ފަހު މިއަދު މަޖިލީހުގެ މަސަތްކަތްތައް ފައްޓާފައިވާ އިރު މިއަދު ކުރިއަށް ގެންދިޔަ ޕެޓިޝަން ކޮމެޓީގެ ބައްދަލުވުމުގައި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބަދުﷲ ޝާހިދު ވަނީ އެކޮމެޓީގެ ބައްދަލުވުންތައް ކުރިއަށް ގެންދެވޭނީ ފާރިސް ހާޒިރުކޮށްގެން ކަމަށް ހުށަހަޅުއްވައިފަ އެވެ.
އެ ހުށަހެޅުމަށް މަތިވެރި ދާއިރާގެ މެންބަރު ހުސެން މުހައްމަދު ތާއިދުކުރެއްވި އިރު ކޮމެޓީގައި ހިމެނިވަޑައިގެންނަވާ އެއްވެސް މެންބަރަކު އިއުތިރާޒު ނުކުރެއްވުމުން ޝާހިދު ހުށެހެޅުއްވި ގޮތަށް ފާސްކުރެއްވިފައިވާ ކަމަށް ވަނީ އިއުލާން ކުރައްވައިފަ އެވެ.
އަދި ޕެޓިޝަން ކޮމެޓީގެ ބައްދަލުވުންތައް ކުރިއަށް ގެންދެވޭނީ ފާރިސް ހާޒިރުކުރުމުން ކަމަށް ފާސްކުރުމުން އެކަން ވަނީ މަޖިލީހުގެ ރިޔާސަތަށާއި އިދާރީ މޭޒަށް ވެސް އަންގައިފި އެވެ.
ފާރިސް ހައްޔަރުކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި މެންބަރުންނަށް ރިޝްވަތު ދިން ކަމުގެ ތުހުމަތުގަ އެވެ. އެ މައްސަލާގައި ހައްޔަރުކުރުމަށް ފަހު ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ނިންމީ އެމައްސަލައިގެ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށެވެ.