ބ. ތުޅާދޫގެ ކައުންސިލުން ވަކިކޮށްފައިވާ ޑީއާރްޕީގެ މެމްބަރު އުމައިރާ އަބޫބަކުރުގެ މައްސަލައާ މެދު ހައިކޯޓުން ވަކި ގޮތެއް ކަނޑައަޅަން ދެން، އޭނާގެ ގޮނޑިއަށް މެމްބަރަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަން ފަސްކުރުމަށް ހައިކޯޓުން މިރޭ އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރު ނެރެފި އެވެ.

ތުޅާދޫގެ ބައި އިލެކްޝަން އަންނަ އޯގަސްޓް މަހުގެ 20 ވަނަ ދުވަހު ބާއްވަން އިލެކްޝަންސް އިން ނިންމި ނިންމުމަކީ ސައްހަ ނިންމުމެއް ނޫން ކަމަށް ކަނޑައައިދިނުމަށް އެދި ޑީއާރްޕީން ހުށަހެޅި މައްސަލައާ ގުޅިގެން ހައިކޯޓުން މިރޭ ނެރުނު އަމުރުގައި ވަނީ، އެ މައްސަލަ ބަލައި، ފައިސަލާކުރަނިވި ހުކުމެއް ކުރަންދެން ނުވަތަ ހައިކޯޓުން ވަކި ގޮތަކަށް އަންގަން ދެން އެ ބައި އިލެކްޝަންސްގެ އެއްވެސް މަސައްކަތެއް ނުކުރުމަށް އިލެކްޝަންސް އަށް އަންގައިފަ އެވެ.

ހައި ކޯޓުން ބައި އިލެކްޝަން ފަސްކުރަން މިރޭ އަމުރު ނެރެފައި މިވަނީ، އަންނަ މަހުގެ 20 ވަނަ ދުވަހު އެ އިންތިހާބު ބާއްވަން ނިންމައި، ވޯޓު ނެގުމުގެ ހުރިހާ އިންތިޒާމްތަކެއް ހަމަޖެއްސުމުގެ މަސައްކަތް އިލެކްޝަނުން ކުރިއަށްގެންދަނިކޮށެވެ.

ކައުންސިލްގެ މެންބަރު ކަމުން އުމައިރާ ވަކިކޮށްފައިވަނީ މަގުބޫލު އުޒުރެއްނެތި ކައުންސިލްގެ 10 ޖަލްސާއަކަށް ހާޒިރުވެވަޑައިގެންފައި ނުވާތީ ކަމަށްބުނެ އެވެ. ލާމަރުކަޒީ ގާނޫނު ބުނަނީ މަގުބޫލު ސަބަބެއް ނެތި ވިދިވިދިގެން ކައުންސިލްގެ ހަތް ޖަލްސާ އަކަށް ހާޒިރުނުވެއްޖެނަމަ ކައުންސިލްގެ މެމްބަރުކަމުން ވަކިވާނެ އެވެ.