މީގެ ތިން އަހަރު ކުރިން ވުޖޫދަށް އައި "ދަ ހެމަރ" އަކީ މިހާރު ދިވެހީންނަށް އާ ނަމަކަށް ނުވާނެއެވެ. އޭރު މާލޭގައި ޒަމާނުންސުރެ ހިންގަމުން އައި ޖިމް ތަކުގެ މޫނުމަތި ބަދަލު ކޮށްލުމަށް މަޖުބޫރުކުރިވި ތަނަކީ ދި ހެމާއޭ މީހުން ކިޔަނީ ސަބަބެއް ނެތިއެއް ނޫނެވެ. ހެމާއިން ވަނީ ޖިމަށް ދާ ފަރާތްތަކަށް، ހާއްސަކޮށް ޒުވާނުންނަށް މުޅިން ތަފާތު ސްޓައިލްތަކެއް ތައާރަފްކޮށްފައެވެ.

ވޭތުވެދިޔަ ތިން އަހަރު ތެރޭގައި ހެމާއިން ވަނީ ކުރި އެރުންތަކެއް ހޯދައި އެތަކެއް ބައެއްގެ މަގުބޫލުކަން ހޯދައިފައެވެ. އެތަކެއް ބަޔަކު " ބޮޑީ ބިލްޑަރުންނަށް" ހަދައި، ހަށިހެޔޮކޮށް ތިބުމާ ގުޅޭ ގޮތުން މީހުން ދެކޭ ގޮތް މުޅިން ބަދަލުކޮށްލިއެވެ. އޭރުވެސް އަދި މިހާރުވެސް އެ ޖިމްގެ އަމާޒަކީ ފިޓްނަސްގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް އެ ފުރުޞަތު ހޯދައިދިނުމެވެ.

ދަ ހެމާގެ މޮޓޯ އަކީ އެންމެ ޒުވާނަކުވެސް ބާކީކޮށްނުލައި ކޮންމެ ޒުވާނަކަށްވެސް މުޖްތަމައުން ހައްގުވާ ފުރުޞަތު ހޯދިނުމެވެ.

ސަން ސްޕޯޓްސްއާ ވާހަދައްކަމުން ދި ހެމާގެ ޗެއާމަން އަހްމަދު މުއާޒް (މުއާ) ވިދާޅުވީ އޭނާ ދި ހެމާ ވުޖޫދަށް ގެނައީ މުހިއްމު މަގްސަދު ތަކެއް ހާސިލް ކުރުމަށްކަމަށެވެ.

"ހެމާ ވުޖޫދަށް އައީ އެންމެ ވިސްނުމެއް ހިތުގައި ބާއްވައިގެން. އޭރު ހިތަށް އެރީ އެތައް ހާސް ކުއްޖަކު ކޮންމެ އަހަރު އޯލެވެލް ނިންމާއިރު އެ ހުރިހާ ކުދިން ކިހިނެތްހޭ ޓީޗަރަކަށް، ޕައިލަޓަކަށް ނުވަތަ މަތީ ތައުލީމް ހާސިލްކުރާނީ. ދެން ހިތަށް އެރީ އެކުދިންނަށް އެބަޖެހޭ ފުރުޞަތު ހޯދައިދޭން. އެ ވިސްނުމުގެ ތެރެއިން ހެމާ ވުޖޫދަށް އައީ،" މުއާ ވިދާޅުވިއެވެ.

މުއާ ވިދާޅުވިގޮތުގައި އަދުގެ ސަރުކާރުން ޒުވާނުންނަށް ގިނަ ފުރުޞަތު ތަކެއް ހޯދައިދިނުމަށް މަސައްކަތް ކުރަމުން އައި ދުވަސް ވަރަކާ ދިމާވުމަކީ ދި ހެމަރ އުފަންކުރުވުމަށް ލިބުނު އެންމެ ފަހި ފުރުސަތެވެ.

މިވަގުތު މާލޭގައި ހިންގާ ޖިމްތަކާ، ދި ހެމަރ އާ ތަފާތުވާ ކަންތައްތަކެއް އެބަ ހުއްޓެވެ. މިވަގުތުވެސް ހެމާގައި ފުރާވަރުގެ ގިނަ ކުދިން ތަކެއް ފިޓްނަސް ޓްރެއިނިން ހަދަމުން އަންނައިރު ހެމަރގެ މެނޭޖްމަންޓުން އޮތީ އެ ފަދަ ކޮންމެ ކުއްޖަކަށްވެސް ފުރުޞަތު ފަހިކޮށްދޭ ގޮތަށެވެ.

" ހަމަ ކޮންމެ ކުއްޖަކުވެސް އަންނަންވީ ހެމާއަށް. ހެމާގެ ދޮރު ހުންނާނީ އަބަދުވެސް ޒުވާނުންނަށް ހުޅުވާލެވިފައި. ނަމަވެސް އެ ކުއްޖަކު ވާން ޖެހޭނެ ވަރަށް ބޮޑަށް މިކަން ކުރަން ބޭނުންވާ ކުއްޖަކަށް،" ވަރަށް ''ޑިސިޕްލިން'' ހުރެގެން ނޫނީ މިކަން ނުވާނޭކަން ފާހަގަކުރަމުން މުއާ ވިދާޅުވިއެވެ.

ދަ ހެމާގެ ތެރޭގައި ބަޔަކު ޓްރެއިނިންގ ހަދަނީ ފޮޓޯ--ފޭސްބުކް

ދަ ހެމާގައި މިވަގުތު 4000 މީހުން ފިޓްނަސް ޓްރއިނިންގ ހަދަމުން ދެއެވެ. މި އެންމެނަށްވެސް އިރުޝާދު ދެނީ މުޅިންވެސް ދިވެހި ޒުވާނުންނެވެ. އެއިން ކޮންމެ ކުއްޖަކީވެސް ހެމާއިން ތަމްރީނު ލިބިފައިވާ، ހެމާގެ އުފެއްދުންތަކެވެ.

" ކިއްވެތޯ ދިވެހިން ތިއްބައި ބޭރު މީހުންނަށް ފުރުޞަތު ދޭންވީ. ދިވެހި ކުދިން މި ކަން ކުރަން ހިތްވަރާ އެކު ތިބިހާ ހިނދަކު ހެމާގައި ބޭރުމީހުންނަށް ފުރުސަތެއް ނެތް،" މިހާރުވެސް 14 ދިވެހި ކުދިން ޓްރެއިންނަރުންގެ ގޮތުގައި މަސައްކަތް ކުރާ ޖިމްގެ ވެރިޔާ ވިދާޅުވިއެވެ.

އެންމެ ފަހުގެ މިސްޓަރ މޯލްޑިވްސް ކާމިޔާބުކުރި ބޮޑީ ބިލްޑަރު ތައްޔާރުކުރި ހެމާއިން އަންނަނީ މި އަހަރުގެ މިސްޓަ މޯލްޑިވްސް ޓައިޓަލް ދިފާއުކުރުމަށް ވަރަށް ފުރިހަމައަށް ތައްޔާރު ވަމުންނެވެ. އެގޮތުން މިފަހަރު ސީދާ އެ މުބާރަތުގެ ޓައިޓަލް ހޯދުމަށް ތައްޔާރު ކުރަމުން އަންނަ ބޮޑީ ބިލްޑަރަކީ، ހެމާއިން ގެނެސްދޭނޭ "ސަޕްރައިޒެއް"ކަމަށް މުއާ ވިދާޅުވިއެވެ.

" މި ފަހަރުވެސް އެއީ ސަޕްރައިޒެއް. އެކަމަކު ޔަގީންކޮށްދެން އެހެން ހުރިހާ ބައިވެރިންނާ ހެމާގެ ޕްރޮޑަކްޓް ތަފަތުވާނެ. އަދި ހަމަ އިތުރުކޮށްލަން ބޭނުން. ހެމާއިން ނެރޭ ކޮންމެ ބޮޑީ ބިލްޑަރަކީ ސީދާ ޓައިޓަލްއަށް ނެރޭ ބިލްޑަރެއް ނޫން. އެކަމަކު ބޭނުންވަނީ ޒުވާނުންނަށް އެއިން ކޮންމެ ކުއްޖަކީ އިންސްޕިރޭޝަން އަކަށް ވުން،" މުއާ ވިދާޅުވިއެވެ.

ހެމާއިން އަންނަނީ އެ ޖިމްގެ ޚިދުމަތް، މުޅި ރާއްޖެއަށް ފުޅާކުރުމަށް ތައްޔާރުވަމުންންނެވެ.

" ކީއްވެތޯ އަތޮޅު ތެރެއަށް މި ހިދުމަތް ފުޅާ ނުކުރަންވީ. ޒުވާނުންނަށް ފުރުޞަތު ދޭން ސަރުކާރުން އެބަ ބޭނުންވޭ. ސަރުކާރު އޮތީ އެފަދަ ޒުވާނުންނާއި އެކު. އެހެންވީމަ މިއީ އަޅުގަނޑުގެ ގައުމީ ޒިންމާއެއް ސަރުކާރަށް އެއްބާރުލުންދީ މިފަދަ ހިދުމަތްތައް އަތޮޅު ތެރެއަށް ފުޅާ ކުރަން،" މުއާ ވިދާޅުވިއެވެ.

މުއާ ވިދާޅުވީ ޒުވާނުންނަށް ހާއްސަކޮށްގެން ސަރުކަރުން ރަށްރަށުގައި އަޅާ ކުޅިވަރު އެރީނާ ތަކުގައި ޖިމްގެ ހިދުމަތް ފުޅާ ކުރާނަމަ އެންމެ ފުރަތަމަ އެކަމަށް އިސްނަގާނީ ހެމާއިން ކަމަށެވެ.

ދުރުނޫން މުސްތަގުބަލެއްގައި " ދި ހެމާ" އިންޓަނޭޝަނަލް ބްރޭންޑަކަށް ހެދުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަަމަށާއި އަދި ފިޓްނަސް ދާއިރާއަށް އަމާޒުކޮށްގެން ކުރިއަށްއޮތް ތަނުގައި ހާއްސަ ކޯސް ތަކެއް ތައާރަފް ކުރުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް މުއާ ވިދާޅުވިއެވެ.

" ހެމާ ބައިނަލް އަގުވާމީ ބްރޭންޑަކަށް ހެދުމުގެ މަސައްކަތް ކުރިއަށް އެބަދޭ. އޭގެ އިތުރުން ސްޕޯޓްސް މެޑްސިން، ފިޓްނަސް ޓްރެއިނިންގ، އިންސްޓްރަކްޓަރުން ތަމްރީން ކުރުމުގެ ކޯސްތައް އުފެއްދުމުގެ މަސައްކަތް ކުރިއަށް އެބަދޭ،" މުއާ ވިދާޅުވިއެވެ.

މިހާރުވެސް މާލޭގައި ހެމާގެ ދެ ޖިމް ހުޅުވާފައިވާއިރު އެ ތަނުން ދޭ ހިދުމަތް ރައްޔިތުން ބަލައިގަންނަ ކަމަށް މުއާ ވިދާޅުވިއެވެ. އަދި ސަރުކާރާއި ޔޫތު މިނިސްޓްރީ ފަދަ ތަންތަނުގެ އެހީތެރިކަން އަބަދުވެސް ލިބެމުންދާތީ ކުރިއަށް ދިޔުމުގައި މާބޮޑު ދަތިތަކެއް ނެތްކަމަށާއި އެހެން ނަމަވެސް ޖާގައިގެ ދަތިކަން ހުރިކަން އޭނާ ފާހަގަކުރެއެވެ.

ނިންމާލުމުގެ ކުރީން މުއާ ވަނީ ފިޓްނަސް ދާއިރާއިން ކުރިއަށްދާން ބޭނުންވާ ޒުވާނުނަށް ހާއްސަ "ސަޕްރައިޒެއް"ވެސް ދެއްވައިފައެވެ.

"ކައިރި މުސްތަގުބަލެއްގައި ހެމާއިން އަޅުގަނޑުމެންގެ އަމިއްލަ ބޮޑީ ބިލްޑިންގް މުބާރާތެއް ތައާރަފް ކުރާނަން. ﷲ ގެ އިރާދަފުޅާއެކު އެކަން ވަރަށް އަވަހަށް ވުޖޫދަށް ގެނައުމުގެ މަސައްކަތް ވަރަށް ބާރަށް އެބަ ކުރިއަށްދޭ،" މުއާ ވިދާޅުވިއެވެ.