މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސްޓްރެޓެޖިކް ޕްލޭން 2011-2013 ގައި ބަޔާންކޮށްފައިވާ ކަންތައްތައް ހަރުދަނާ ކޮށް، ބޮޑެތި ކުށްކުރުން ހުއްޓުވުމަށްޓަކައި އެހީތެރިވެދިނުމުގެ އެއްބަސްވުމެއްގައި ދިވެހި ފުލުހުންނާއި އޮސްޓްރޭލިޔާ ފެޑްރަލް ޕޮލިސް (އޭއެފްޕީ)އާ ދެމެދު މިއަދު ސޮއިކޮށްފި އެވެ.

ފުލުހުން ބުނި ގޮތުގައި އެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ މިއަދު ޝަހީދު ހުސައިން އާދަމް ބިލްޑިންގ ގަ އެވެ. ދިވެހި ފުލުހުންގެ ފަރާތުން ސޮއި ކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އައަމަދު ފަސީހުއެވެ. އޮސްޓްރޭލިޔާ ފެޑްރަލް ޕޮލިސްގެ ފަރާތުން ސޮއިކުރެއްވީ ފެޑްރަލް ޕޮލިސްގެ ފަރާތުން ދިވެހިރާއްޖެއާއި ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަ ސީނިއަރ ލިއޭޒަން އޮފިސަރ ޝޭން އޮސްޓިން އެވެ.

ފުލުހުން ބުނި ގޮތުގައި މި އެއްބަސްވުމަކީ ފުލުހުންގެ ސްޓްރެޓެޖިކް ޕްލޭން 2011-2013 ގައި ބަޔާންކުރެވިފައިވާ ކަންތައްތައް ހަރުދަނާ ކުރުމަށްޓަކައި ވެވުނު އެއްބަސްވުމެކެވެ.

"މިއެމްއޯޔޫގެ ސަބަބުން ގާނޫނު ތަންފީޒުކުމުގެ ދާއިރާއިން ބޭނުންތެރި މައުލޫމާތާއި އެހީތެރިކަން އޭއެފްޕީ އާއި މިސަރވިސް އާއި ދެމެދު ގާއިމް ކުރެވިފައިވާ ވިޔުގަ އިތުރަށް ހަރުދަނާކުރުމާއި، މިމުއްސަސާ ހަރުދަނާކޮށް މުވައްޒަފުންގެ ކުރިއެރުމަށް މަސައްކަތްކުރުމަށާއި، ކުށްމަދުކުރުމަށްޓަކައި ކުރެވޭ މަސައްކަތްތަކުގައި އެހީތެރިކަން އެއްބަޔަކު އަނެއްބަޔަކަށް ފޯރުކޮށްދެވޭނެއެވެ. އެގޮތުން މަސްތުވާތަކެތީގެ މައްސަލަތަކާއި މަނީ ލޯންޑަރީން، ހިއުމަންޓްރެފިކިން، ޓެރެރިޒަމްގެ އަމަލުތައް ފަދަ ކަންތައްތައް ހައްލުކުރުމުގައި އެހީތެރިވުން ހިމެނެ އެވެ،" ފުލުހުންގެ ވެބްސައިޓުގައި ބުނެފައިވެ އެވެ.