20 Jul 2011, 18:44
ރ. އަލިފުށީގައި 13 އަހަރުގެ އަންހެން ދަރިފުޅާ ބަދުއަހުލާގީ އަމަލު ހިިންގުމުގެ ކުށް ސާބިތުވުމުން، އެކުއްޖާގެ ބައްޕަ 20 އަހަރަށް ޖަލަށް ލުމަށް މިއަދު އެ އަތޮޅު އުނގޫފާރު ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
މި މައްސަލައިގައި ޖަލަށް ހުކުމްކޮށްފައި ވަނީ އުމުރުން 40 އަހަރުގެ އަލިފުށީ މީހެކެވެ.
އުމުރުން 13 އަހަރުގެ އަންހެންދަރިފުޅާ އެކު ބަދުއަހުލާގީ އަމަލު ހިންގުމުގެ ތުހުމަތުގައި އެ ފިރިހެން މީހާ ފުލުހުން ަހައްޔަރުކޮށްފައި ވަނީ މިދިޔަ މެއި މަހުގެ 10 ވަނަ ދުވަހު އެވެ.
ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އަންހެން ކުއްޖާ މިހާރު ވަނީ ރައްކާތެރި މާހައުލަކަށް ބަދަލުކޮށްފަ އެވެ.
ކުއްޖާގެ ބައްޕަގެ މައްޗަށް ހުކުމް ކޮށްފައި ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކުން އަމަލު ކުރުމުގެ ގާނޫނުގެ 15 ވަނަ މާއްދާގެ ދަށުންނެވެ.
މީގެ ކުރިން، ރ. އަތޮޅުގެ އެހެން ރަށެއްގައި ވެސް 15 އަހަރުގެ އަންހެންދަރިފުޅާ ބެހި ޖިންސީ ގޯނާ ކުރުމުގެ ކުށް ސާބިތުވެގެން މިދިޔަ މެއި މަހުގެ 19 ވަނަ ދުވަހު އެ ކުއްޖާގެ ބައްޕަ 20 އަހަރަށް ޖަލަށް ލުމަށް ރ. މާކުރަތު ކޯޓުން ހުކުމްކޮށްފައިވެ އެވެ. އަދި ބައްޕަ ދަރިފުޅަށް ޖިންސީ ގޯނާ ކުރާކަން ސިއްރު ކުރިކަން ސާބިތުވާތީ ކުއްޖާގެ ދޮންމަންމަ ހަ މަސް ދުވަހަށް ޖަލަށް ލުމަށް ވެސް ކޯޓުން ހުކުމް ކޮށްފި އެވެ.
އެ މައްސަލައާ ގުޅިގެން އެދެމަފިރިންގެ އިތުރުން އެހެން މީހެއްގެ މައްޗަށް ވެސް އަމުރަށް ނުކިއަމަންތެރިވުމުގެ ކުށް ސާބިތުވެ، 150ރ. އިން ވަނީ ޖޫރިމަނާ ކޮށްފަ އެވެ. އެމީހާގެ މައްޗަށް ދައުވާކޮށް ޖޫރިމަނާ ކުރީ އަންހެންކުއްޖާ ބަނޑު ބޮނޑިވި ކަން އެނގުމުން ބޭސް ދީގެން ދަރިފުޅު ވައްޓާލި ކަން ޝަރީއަތަށް ސާބިތު ވެގެންނެވެ.
އަދި ހަމައެއާ އެކު، ދެ ދޮންދަރިންނާ އެއްޖިއްސުން ގުޅުން ހިންގި ކަމުގެ ކުށް ސާބިތުވެގެން ހަމަ އެ މަހުގެ ތެރޭ ރ. އަތޮޅު ރަށެއްގެ ފިރިހެން މީހެއްގެ މައްޗަށް 15 އަހަރަށް ޖަލަށްލާން އެ އަތޮޅު ރަސްމާދޫ ކޯޓުން ހުކުމް ކޮށްފައިވެ އެވެ.
މާލެ އާއި އަތޮޅު ތެރޭ ކުޑަކުދިންނާ ބަދުއަހުލީ އަމަލު ހިންގުމުގެ ގިނަ މައްސަލަތަކެއް ފެންމަތިވަމުން އަންނަ އިރު، ގިނަ ފަހަރު ކުދިންނަށް އަނިޔާ ލިބެނީ އާއިލާ ނުވަތަ ގާތް ތިމާގެ މީހުންގެ ފަރާތުން ކަން ޖެންޑާ ޑިޕާޓްމަންޓް އިން ފާހަގަކުރެ އެވެ.