30 Jul 2017, 23:39
މަހެއްހާ ދުވަހުގެ މެދުކެނޑުމަކަށްފަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ތާވަލުކޮށްފައިވަނިކޮށް، ވެރިކަން ކުރާ ޕީޕީއެމާއި އެމްޑީއޭ ކޯލިޝަންގެ ޕާލަމެންޓްރީ ގްރޫޕުގެ ބައްދަލުވުމެއް ބާއްވައި މާދަމާގެ ޖަލްސާގައި ކަން ކުރާނެ ގޮތަކާ މެދު މަޝްވަރާކޮށްފިއެވެ.
މަޖިލީހުގެ ޖަލްސާއެއް އެންމެ ފަހުން ބާއްވާފައި ވަނީ މިމަހުގެ ތިން ވަނަ ދުވަހުއެވެ. އެ ދުވަހު ޖަލްސާއެއް ބޭއްވީ ވެސް 17 ދުވަހުގެ ޗުއްޓީއަކަށް ފަހު އެވެ. އެ ޖަލްސާއަށްފަހު 45 މެންބަރުންގެ ސޮއާއެކު މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވެއްދުމުން އަނެއްކާ ވެސް ޖަލްސާތައް މެދު ކަނޑާލައި 24 ވަނަ ދުވަހަށް އެ މައްސަލަ އެޖެންޑާ ކުރިއެވެ.
ނަމަވެސް އެ ގަރާރުގައި ސޮއި ކުރި ބައެއް މެންބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކަޝަން ކޮމިޝަނުން ނިންމުމުން މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވަނީ އެ ގަރާރު ބާތިލް ވެފައިވާ ކަމަށް ބުނެ އެ ދުވަހުގެ ޖަލްސާ ކެންސަލް ކުރައްވާފައެވެ.
އިދިކޮޅު މަޖިލިސް މެމްބަރުން 24 ވަނަ ދުވަހު މަޖިލީހަށް ވަންނަނީ ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް
ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ މަޑުއްވަރީ ދާއިރާގެ މެންބަރު އަހުމަދު އަމީތާއި ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ވަހީދު (ލޯޔަރު ވައްޑޭ) އާއި ދިއްދޫ ދާއިރާގެ މެންބަރު އަބުދުއްލަތީފުގެ އިތުރުން ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެންގެ ގޮނޑި ނުގެލޭނެ ކަމަށް އިދިކޮޅު މެމްބަރުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ. އަދި އެ މައްސަލަ މިހާރު ވަނީ ސުޕްރީމް ކޯޓަށް ވެސް ހުށަހަޅާފަ އެވެ.
އެ ހަތަރު މެންބަރުންގެ ތެރެއިން ލަތީފު ފިޔަވައި އަނެއް ތިން މެންބަރުން ފުލުހުންގެ ބަންދުގައި ހުރިއިރު އިދިކޮޅު މެންބަރުން ބުނަމުން އަންނަނީ އެ ތިން މެންބަރުން ވެސް މާދަމާގެ ޖަލްސާއަށް ހާޒިރުކުރަން ޖެހޭނެ ކަމަށާއި އެހެން ނޫންނަމަ އިހްތިޖާޖު ކުރާނެ ކަމަށެވެ.
މަޖިލިހުގެ ގަވާއިދުގައި ބުނާ ގޮތުން ދައުރުގެ ތެރޭގައި ކޮންމެ ހަފްތާއަކު ހޯމަ، އަންގާރަ އަދި ބުދަ ދުވަހު ޖަލްސާ ބާއްވަން ޖެހެ އެވެ. ނަމަވެސް މަޖިލީހުގެ ދެ ވަނަ ދައުރުގެ ޖަލްސާތައް ފެށި ފަހުން މިހާތަނަށް ބާއްވާފައި ވަނީ ހަތް ޖަލްސާއެވެ.
PPMMDA joint PG meeting underway in PPM Office. Readying for tomorrow.pic.twitter.com/uIp20enD3h
— Ahmed Nihan (@ahmed_nihan)July 30, 2017
އަނެއްކޮޅުން މާދަމާގެ ޖަލްސާ ވެސް ކުރިއަށް ގެންދެވޭނެ ކަމާއި މެދު މިހާރު މި ވަނީ ސުވާލު އުފެދިފައެވެ. ސަރުކާރު ހިންގާ ޕީޕީއެމްގެ ޖޮއިންޓް ޕާލިމެންޓަރީ ގްރޫޕުން މިރޭ ކުރިއަށް ގެންދިޔަ ބައްދަލުވުމުގެ ތަފްސީލް ލިބޭ ގޮތް ވެފައިނުވާއިރު ބައެއް މެންބަރުން ޓްވިޓާ މެދުވެރިކޮށް ހާމަކޮށްފައި ވަނީ އެ ބައްދަލުވުމަކީ އާދައިގެ މަތިން މަޖިލިސް ފެށުމުގެ ކުރިން ބާއްވާ ބައްދަލުވުމެއް ކަމަށެވެ.
މާދަމާގެ ޖަލްސާއަށް އެޖެންޑާގައި ވަނީ ހަމައެކަނި މިނިސްޓަރަކާ ސުވާލު ކުރުމަށެވެ. އެއީ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު އެންވަޔަރަމަންޓް މިނިސްޓަރު ތާރިގު އިބްރާހިމާ ސުވާލު ކުރުމަށް އެޖެންޑާކޮށްފައިވާ މައްސަލަ އެވެ.