31 Jul 2017, 09:00
އާސެނަލްގެ ކޮންޓްރެކްޓަށް އިހުތިރާމް ކުރުމަށް ޗިލީގެ ތަރި އެލެކްސިސް ސަންޗޭޒަށް އެ ކްލަބުގެ ކޯޗު އާސެން ވެންގާ ގޮވާލައިފިއެވެ.
ކޮންފެޑެރޭޝަން ކަޕަށްފަހު އާސެނަލުން ވަނީ ސަންޗޭޒް އަރާމު ކުރުމަށް ޗުއްޓީ ދީފައެވެ. އެ ޗުއްޓީއަށްފަހު މިއަދު އާސެނަލްގެ ޕްރީ ސީޒަން ފަރިތަކުރުންތަކަށް ސަންޗޭޒް ނުކުންނަން އޮތް ނަމަވެސް، އޭނާ ބަލިވުމާ ގުޅިގެން އެ ކްލަބުން ވަނީ ސަންޗޭޒްގެ ޗުއްޓީ އިތުރުކޮށްދީފައެވެ.
އުމުރުން 28 އަހަރުގެ ސަންޗޭޒް، އާސެނަލްއާއެކު ހަދާފައިވާ ކޮންޓްރެކްޓް ނިމުމަކަށް އަންނަން ގާތްވެފައިވީ ނަމަވެސް، އޭނާ އެ ކްލަބުގެ ކޮންޓްރެކްޓް އާކޮށްފައެއް ނުވެއެވެ. ސަންޗޭޒް ހޯދުމަށް ބަޔާން މިއުނިކާއި ޕެރިސް ސެއިންޓް ޖާމެއިން (ޕީއެސްޖީ) އަދި މެންޗެސްޓާ ސިޓީން ވެސް ދަނީ މަސައްކަތް ކުރަމުންނެވެ.
"ސަންޗޭޒް އުޅެނީ ބަލިވެ. އަހަރެންނަށް އޭނާ މެސެޖްކުރި ތިމަންނާ ވީހާ ވެސް އަވަހަކަށް ޓީމާ ގުޅޭނެ ކަމަށް ބުނެ. ސަންޗޭޒް އަދި އޭނާގެ ޑޮކްޓަރާ ވެސް އަހަރެމެންނާ ގުޅުން އޮވޭ. އޭނާއާ މެދު އެއްވެސް މައްސަލައެއް ނެތް. އޭނާ އަންގާރަ ދުވަހު ޓީމާ ގުޅޭނެ. ސަންޗޭޒް ހުންނާނީ އާސެނަލްގައި. އާ ކޮންޓްރެކްޓެއް ބޭނުންވާ ކުޅުންތެރިން މިހާރު އޮތް ކޮންޓްރެކްޓަށް އިހުތިރާމް ކުރަން ޖެހޭނެ،" އާސެނަލްގެ ކޯޗު ވެންގާ ބުންޏެވެ.
ވެންގާ ބުނީ، ކުޅުންތެރިޔަކާއި ކޯޗެއް ކްލަބާ މެދު ދެކޭގޮތް މުޅިން ތަފާތުވާނެ ކަމަށާއި ކޯޗެއްނަމަ ވިސްނާނީ ކްލަބުގެ ކުރިމަގާ ދޭތެރޭ ކަމަށެވެ. އަދި ސިއްރު ހިފެހެއްޓުމަށް ބޭނުންވާތީ ސަންޗޭޒާ ދެމެދު ދެކެވޭ ވާހަކަތައް ހާމަކުރެވެން ނެތް ކަމަށް ވެސް އާސެނަލްގެ ކޯޗު ބުންޏެވެ.
އާސެނަލްގެ ފަރިތަކުރުންތަކުގައި އަދި ސަންޗޭޒް ބައިވެރިވާން ފަށާފައިނުވާއިރު، އެ ޓީމު އަންނަ އާދީއްތަ ދުވަހު ކޮމިއުނިޓީ ޝީލްޑް މެޗަށް ނުކުންނަން ޖެހޭނެއެވެ. އެ މެޗުގައި އިނގިރޭސި އެފްއޭ ކަޕްގެ ޗެމްޕިއަން އާސެނަލް ނުކުންނަން ޖެހޭނީ އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން ޗެލްސީއާ ދެކޮޅަށެވެ.