30 Jul 2017, 23:07
އަމީނީމަގު ގާކޮށީގައި ހަދާފައިވާ "މާލެ ސްކޮއާ" ފްލެޓު އިމާރާތުގެ ތިރީގައި، ބޭންކް އޮފް މޯލްޑިވްސްގެ ސެންޓަރަކާއި ކަސްޓަމާ ސާވިސް ސެންޓަރެއް ހުޅުވައިފި އެވެ.
މި ސެންޓަރާ އެކު، ހަތަރު ސެލްފް ސާވިސް އޭޓީއެމް މެޝިނާ އެކު، ސެލްފް ސާވިސް ބޭންކިންގް ސެންޓަރެއް ވެސް އެތަނުގައި ވަނީ ހުޅުވައިފަ އެވެ.
ބޭންކުގެ މި އޭޓީއެމް ސެންޓަރާއި ކަސްޓަމާ ސާވިސް ސެންޓަރު ހުޅުވައިދެއްވީ، އެސަރަހައްދުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އެންޑްރޫ ހީލީ އެވެ.
ބެންކްގެ ސީއީއޯ ވިދާޅުވީ، މިރޭ ހުޅުވުނު ކަސްޓަމާ ސާވިސް ސެންޓަރަކީ ވަރަށް ތަފާތު އަދި އީޖާދީ ތަނެއް ކަމަށެވެ. އަދި އެތަނަކީ ބޭންކުން ދޭނެ ކަމަށް މީގެ ކުރިން ކަސްޓަމަރުން ހީނުކުރާނެ ފަދަ ޚިދުމަތްތަކެއް ކަމަށެވެ.
"މިތަނަށް ވަނުމުން ފެންނާނެ އައިޕެޑުތަކެއް. ތިޔަ ބޭފުޅުން ޖެހޭނީ ބޭނުންވާ ޚިދުމަތެއް އައިޕެޑު މެދުވެރިކޮށް ސިލެކްޓް ކުރަން. ދެން މި ސެންޓަރުގައި ހުރި ގޮނޑިއެއްގައި މަޑުކޮށްލަންވީ. ބޭނުންފުޅު ނަމަ [ކޮފީ މެޝިނުން] ކޮފީއެއް ވެސް ބެއްލެވިދާނެ،" ބީއެމްއެލްގެ އާ ކަސްޓަމާ ސާވިސް ސެންޓަރު ތަފްސީލުކޮށްދެއްވަމުން އެބޭންކުގެ ސީއީއޯ ވިދާޅުވި އެވެ.
"ތިޔަ ބޭފުޅުން މަޑުކުރައްވައިގެން ހުންނަވާ ވަގުތު، މިތަނުގެ ބެކް އޮފީހުގައި ތިބި މުވައްޒަފުންނަށް ސާވިސް ރިކުއެސްޓް ލިބޭނެ. އެ މުވައްޒަފުން ދެން އަންނާނެ ތިޔަ ބޭފުޅުންގެ ކްރެޑިޓު ކާޑު، ޑެބިޓް ކާޑު، ޗެކް ފޮތް ނުވަތަ އެހެން ޚިދުމަތެއް ވިޔަސް ދިނުމަށް،" އެންޑްރޫ ވިދާޅުވި އެވެ.
އެންޑްރޫ ވިދާޅުވީ ކޮންމެ ދުވަހަކު ވެސް ހެނދުނު 8:30 އިން ހަވީރު 5:00 އަށް ކަސްޓަމާ ސާވިސް ސެންޓަރު ހުޅުވިފައި ހުންނާނެ ކަމަށާއި، އެތަނުގެ ބޭނުމަކީ ކަސްޓަމަރުންނަށް އަވަސް އަދި ރަނގަޅު ޚިދުމަތެއް ދިނުން ކަމަށެވެ.
އޭނާ ވިދާޅުވީ، ބޭންކުގެ އޮންލައިން އަދި މޯބައިލް ޚިދުމަތްތައް ފުޅާވަމުން ދިޔަ ނަމަވެސް، ބޭންކުގެ ބްރާންޗަކަށް ކަސްޓަމަރު ޒިޔާރަތްކޮށްގެން ދޭންޖެހޭ ބައެއް ޚިދުމަތްތައް ވެސް ހުންނަ ކަމަށެވެ.
"އެ ޚިދުމަތްތަކުގެ އެކްސްޕީރިއަންސް ވެސް ފަސޭހަ އަދި އަވަސް ކަމަކަށް ވާން އަޅުގަނޑުމެން ބޭނުން. އެކަމުގެ ބޭނުމުގައި މި ސެންޓަރު މިރޭ މި ހުޅުވަނީ،"
ކަސްޓަމާ ސާވިސް ސެންޓަރުގެ އިތުރުން، އެތަނުގައި ހަތަރު ސެލްފް ސާވިސް ބޭންކިންގް އޭޓީއެމްވެސް ބެހެއްޓިފައި ހުންނާނެ އެވެ.