30 Jul 2017, 23:11
އާސެނަލްއާ ދެކޮޅަށް ކުޅޭ ކޮމިއުނިޓީ ޝީލްޑް މެޗަށް ޗެލްސީން ތައްޔާރު ކަމަށް އެ ކްލަބުގެ ބެލްޖިއަމް ގޯލްކީޕަރު ތިބައުޓް ކޯޓުވާ ބުނެފިއެވެ.
ޕްރީ ސީޒަނުގެ އެންމެ ފަހު މެޗުގައި އިއްޔެ ޗެލްސީ ވަނީ އިންޓަ މިލާން އަތުން ބަލިވެފަ އެވެ. ސިންގަޕޫރުގައި އިއްޔެ ކުޅުނު އެ މެޗުގައި އިންޓަ އަތުން ޗެލްސީ ބަލިވީ 2-1 ލަނޑުގެ ނަތީޖާއަކުންނެވެ.
އިނގިރޭސި ޕްރިމިއާ ލީގު ޗެމްޕިއަން ޗެލްސީއާއި އިނގިރޭސި އެފްއޭ ކަޕްގެ ޗެމްޕިއަނުން ކޮމިއުނިޓީ ޝީލްޑް މެޗަށް ނުކުންނަން ޖެހޭނީ އަންނަ އާދީއްތަ ދުވަހުއެވެ.
"އަހަރެމެން އެ މެޗަށް ތައްޔާރު. ކޮމިއުނިޓީ ޝީލްޑް ކާމިޔާބުކުރުމަށް އަހަރެމެންނަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން. ކުރިއަށްއޮތް ސީޒަނަކީ އަހަރެމެންނަށް ކާމިޔާބު ސީޒަނަކަށް ވޭތޯ ބަލާ،" ޗެލްސީގެ އެއް ނަންބަރު ކީޕަރު ކޯޓުވާ ބުންޏެވެ.
ޕްރީ ސީޒަނުގައި އިންޓައާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ބަޔާން މިއުނިކްއާ ދެކޮޅަށް ކުޅުނު މެޗުން ޗެލްސީ ވަނީ ބަލިވެފަ އެވެ. އެ ނަތީޖާތައް އެގޮތަށް ނުކުތް ނަމަވެސް، ޓީމުގެ ތައްޔާރީތައް ދިޔައީ ވަރަށް ފުރިހަމައަށް ކަމުގައި ކޯޓުވާ ގަބޫލުކުރެއެވެ.
"އަހަރެން ގަބޫލުކުރަނީ އަހަރެމެންގެ ފަރިތަކުރުންތައް ދިޔައީ ވަރަށް ރަނގަޅަށް ކަމަށް. ބެއިޖިންގައި 3-0 ލަނޑުން އާސެނަލް ބަލިކުރި މެޗުގައި ވަރަށް ރަނގަޅު ކުޅުމެއް ދެއްކުނު. އެންމެ ފަހުން ކުޅުނު ދެ މެޗުގައި އަހަރެމެންގެ ފަރާތުން ފެނުނީ ދަށް ކުޅުމެއް ނޫން. އަހަރެމެންނަށް ބޯޅަ ގެއްލުވާލެވި، ކައުންޓާ އެޓޭކްތަކަށް ފުރުސަތު ދެވުނީ. އެއީ ހަމަ ޔަގީނުން ވެސް އަހަރެމެން ރަނގަޅު ކުރަން ޖެހޭ ކަމެއް،" އޭނާ ބުންޏެވެ.