ރައީސް އަބްދުﷲ ޔާމީނަށް ތާއިދުކޮށް ކެމްޕޭން ކުރުމުގެ ގޮތުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ޕެރަމޯޓާ ހަރަކާތެއް ބޭއްވުމަށް ރައީސް ޔާމީންގެ ކެމްޕޭން އޮފީހާ ގުޅިގެން ޒުވާނުންތަކެއް ނިންމައިފި އެވެ.

"ރައީސް ޔާމީން 2018"ގެ ނަމުގައި ބޭއްވުމަށް ތައްޔާރުވާ ޕެރަމޯޓާ ހަރަކާތަކީ ބުރަފައްޗެއް ހަރުކޮށްގެން ވައިކުޑައެއްގެ އެހީގައި ޕައިލެޓަކާއެކު އުދުހުމުގެ ފުރުސަތު ލިބޭ ހަރަކާތެކެވެ.

އެއްވެސް އަގަކާ ނުލާ ބައިވެރިވުމުގެ ފުރުސަތު ލިބޭ އެ ހަރަކާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ހޮނިހިރު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް ޓުރެކް ދަނޑުގައެވެ.

"މި ހަރަކާތް ކުރިއަށް ދާއިރުގައި ރައީސް ޔާމިނަށް ކެމްޕެއިން ކުރުމުގެ ގޮތުން އެކި އެކި ބޭބޭފުޅުން ވާހަކަ ދެއްކުންފަދަ ހަރަކާތްތައް ވެސް ކުރިއަށް ދާނެ. ނަމަވެސް މައިގަނޑު ހަރަކާތެއްގެ ގޮތުގައި ކުރިއަށް ދާނީ އުދުހުމުގެ ހަރަކާތް،" ޕެރަމޯޓާ ހަރަކާތް ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވާ ޒުވާނަކު ބުންޏެވެ.

ޕެރަމޯޓާ ހަރަކާތާއި ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު ރައީސް ޔާމީންގެ ކެޕްޕޭން އޮފީހާއި ޒުވާނުން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޖުމްލަ ފަސް އުޅަނދާ އެކު ކުރިއަށް ގެންދާ އެ ހަރަކާތުގައި ތިން އުޅަނދު ހަރަކާތްތެރި ވާނީ އާންމުން ގޮވައިގެން އުދުހުމަށެވެ. އަދި އަނެއް ދެ އުޅަނދު ހާއްސަ ކުރެވިފައި ވާނީ އާންމުންނަށް ދައްކާލުމުގެ ގޮތުން އުދުހުމަށް ކަމަށް ވެސް ޕެރަމޯޓާ ހަރަކާތް އިންތިޒާމް ކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން މައުލޫމާތުދެ އެވެ.

އެ ހަރަކާތް ބޭއްވުމުގެ އެންމެ ބޮޑު މަގުސަދަކީ ރައީސް ޔާމީން ދިވެހި ރައްޔިތުންނަށް ކުރައްވަމުން ގެންދަވާ މަސަތްކަތްތަކުގެ އަގުވަޒަންކޮށް އެކަމަށް ޝުކުރު އަދާކުރުން ކަމަށް ވެސް އެ ޒުވާނުން ބުނެއެވެ.