މާލެ އަތޮޅު އެނބޫދޫފަޅު ހިއްކައި ނިންމައި، އެތަނުގައި ރިސޯޓު އެޅުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފި އެވެ.

ކ. އެނބޫދޫފަޅު ހިއްކައި، އެތަނުގައި ރިސޯޓު ތަރައްގީކުރުމުގެ މަސައްކަތް ކުރަނީ ތައިލެންޑުގެ ސިންހާ އެސްޓޭޓް ކުންފުންޏާއި، ރާއްޖޭގެ ޑްރީމް އައިލެންޑް ހޯލްޑިންގްސް ކުންފުނި ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗާ، ޑްރީމް އައިލެންޑް ޑިވެލޮޕްމެންޓް ކިޔާ ކުންފުންޏަކުންނެވެ.

ޑްރީމް އައިލެންޑް ޑިވެލޮޕްމެންޓަށް ކ. އެނބޫދޫފަޅު ދީފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ނުވަ ވަނަ ދުވަހުއެވެ. އެނގިފައިވާ ގޮތުގައި އެ ކުންފުންޏަށް އެނބޫދޫފަޅު ކުއްޔަށް ދީފައި ވަނީ 50 އަހަރުގެ މުއްދަތަކަށެވެ.

އެނބޫދޫފަޅުގައި ހިއްކާފައިވާ ބިމުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި، އެތަނުގައި ރިސޯޓު ހެދުމުގެ މަޝްރޫއު ވަނީ ރަސްމީކޮށް އިފްތިތާހު ކޮށްފައެވެ. އެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރެވެ. ޓޫރިޒަމް މިނިސްޓަރުގެ އިތުރުން، އެހެނިހެން ބައެއް ވަޒީރުންނާއި މަޖިލީސް މެމްބަރުންވެސް އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

އެނބޫދޫފަޅު މަޝްރޫއު ފެށުމަށް މިއަދު އެނބޫދޫފަޅުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ޓޫރިޒަމް މިނިސްޓްރީ

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުން، އެނބޫދޫފަޅުގެ މަޝްރޫއަކީ ގެ މަޝްރޫއެކެވެ.

އެފަޅުގެ ހަތް ކިލޯމީޓަރުގެ ސަރަހައްދު ހިއްކައި، ރަށްތަކެއް އުފައްދާފައިވާ އިރު، އެތަނުގައި 10 ވަރަކަށް ރިސޯޓު ތަރައްގީކުރުމަށް ހަމަޖެހިފައިވެ އެވެ. ތަރައްގީކުރާ ރިސޯޓުތަކުގެ ތެރެއިން އެންމެ ފުރަތަމަ ހުޅުވާނީ ތިން ރިސޯޓެކެވެ. ސިންހާ އެސްޓޭޓުން ބުނެފައިވާ ގޮތުން، ހުޅުވާ އެ ތިން ރިސޯޓަކީ ދުނިޔޭގެ މަޝްހޫރު ހޮޓެލް އަދި ރެސްޓޯރަންޓް ޗެއިން "ހާޑް ރޮކް"ގެ ބްރޭންޑުގެ ދަށުން ހުޅުވާނެ ތިން ތަނެކެވެ.

މި ރިސޯޓުގައި ޔޮޓު މެރީނާއަކާއި ޑިއުޓީ ފްރީ ފިހާރަތައް ހިމެނޭ ޝޮޕިންގް ޕްރޮމިނޭޑަކާއި ކާބޯތަކެތި ވިއްކާ 20 އަށް ވުރެ ގިނަ ކެފޭ އަދި ރެސްޓޯރަންޓާއި ދުނިޔޭގެ ފެންވަރުގެ ބީޗު ކްލަބަކައި ރާއްޖޭގެ ސަގާފަތާއި އާދަކާދަ އަދި ކަނޑުގެ ދިރުންތައް ދައްކުވައިދޭ މަރުކަޒަކާއި އަދި ކައިވެނި ހަފްލާއާއި ބައްދަލުވުންތައް ބޭއްވުމަށް ދަރުބާރުގެތަކެއްގެ އިތުރުން ހަތަކަށް ވުރެ ގިނަ ބްރޭންޑުގެ ހޮޓެލް ހިމެނޭނެއެވެ.

މިއީ ރާއްޖޭގައި މިވަގުތު ހިންގާ ފަތުރުވެރިކަމުގެ އެންމެ އަގުބޮޑު، އަދި އެންމެ ބިޔަ މަޝްރޫއެވެ.