30 Jul 2017, 20:35
އައިއެސް އާ ދެކޮޅަށް ކުރި ހަނގުރާމައިގައި މަރުވި އިިރާގު ސިފައިންގެ އާއިލާތަކަށް ގެދޮރު ދިނުމަށް އިރާގުގެ ބޮޑުވަޒީރު ހައިދަރު އަލް އަބާދީ އަމުރު ކުރައްވައިފި އެވެ.
ގެދޮރު ދިނުމަށް ހަމަޖެހިފައިވާ ފާރަތްތަކުގެ ތެރޭގައި ކުރުދީންނާއި، ގަބީލާތަކާއި އަދި އިރާގުގެ ޝީއާ ހަނގުރާމަވެރި ގްރޫޕެއް ކަމަށްވާ ހަޝްދު އަލް ޝާބީގެ ހަނގުރާމެ ވެރިން ހިމެނެއެވެ.
"ބޮޑުވަޒީރު އަބާދީ ވަނީ އައިސިސްއާ ދެކޮޅަށް ހަނގުރާމަ ކުރުމުގައި މަރުވި ހުރިހާ ބަތަލުންނަށް މީހުން ދިރިއުޅޭ ސަރަހައްދުން ބިން ދިނުމަށް އަމުރުކުރައްވައިފައި" އަބާދީގެ މީޑިއާ އޮފީހުން ބުންޏެވެ.
އޭގެ އިތުރުން އައިއެސް އާ ދެކޮޅަށް ކުރި ހަނގުރާމައިގަައި ނުކުޅެދޭ މީހުންނަށް ވި މީހުންނަށް ވެސް ބިން ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
އައިއެސްގެ ދަށުން މޫސަލް މިނިވަންކޮށް އެހަނގުރާމަ ނިމުނުކަން މިޖުލައި މަހުގެ ކުރީކޮޅު ވަނީ އިއްލާން ކޮށްފައެވެ.
މީހުން ދިރިއުޅޭ މުނިސިޕަލް ސަރަހަައްދުގެ އިހްތިސާސްގެ ތެރެއިން ކޮންމެ އާއިލާއަކަށް ވެސް 200 އަކަމީޓަރުގެ ބިން ދޭނެ ކަމަށް އަބާދީގެ އޮފީހުން ނެރުނު ބަޔާނުގައި ބުންޏެވެ.
އަބާދީ ވަނީ މިއަހަރުގެ ނޮވެމްބަރު މަހުގެ ކުރިން އެ ބިންތައް އާއިލާތަކާ ހަވާލުކުރުމަށް ކަމާބެހޭ މުއައްސަސާތަކަށް އަންގައިފައެވެ.
އައިއެސް އާ ދެކޮޅަށް ކުރި ހަނގުރާމާގައި މަރުވި މީހުންގެ އަދަދެއް މިހާތަނަށް ވެސް އިރާގުން ހާމަކޮށްފައެއްނުވެއެވެ. ނަމަވެސް ލަފާކުރެވޭގޮތުގައި އެ ހަނގުރާމަގައި އިރާގުގެ ގިނަ ސިފައިންނާއި ސިފައިންނަށް މަދަދުދިން ގްރޫޕްތަކުގެ ވަރަށް ގިނަ ބަޔަކު ވަނީ މަރެވެފައެވެ.