ކޮލޮންބޯ ޕްލޭންގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މައިޒާން އާދަމް މަނިކު ހަމަޖައްސައިފި އެވެ.

މިނިސްޓަރު އޮފް ސްޓޭޓް ފޯ ފިނޭންސްގެ މަގާމު ވެސް މިހާރު ފުރުވަމުން ގެންދަވާ އާދަމް މަނިކަކީ ކޮލޮންބޯ ޕްލޭންގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ހޮވިވަޑައިގެންނެވި ރާއްޖޭގެ ފުރަތަމަ ބޭފުޅާ އެވެ.

މިކަން ކޮލޮމްބޯ ޕްލޭނުން އިއުލާން ކޮށްފައި ވަނީ ސްރީލަންކާގެ ވެރިރަށް ކޮނޅުބުގައި މިއަދު ބޭއްވެވި އެ ޕްލޭންގެ ބައްދަލުވުމުގަ އެވެ. "ކޮލޮންބޯ ޕްލޭން" އަކީ މެމްބަރު ގައުމުތަކުގެ ވިޔަފާރި އާއި އިޖްތިމާއީ ދާއިރާ ތަރައްގީކޮށް

ވަރުގަދަ ކުރުމުގެ މަގްސަދުގައި 1951 ވަނަ އަހަރުގެ ޖުލައި މަހުގެ އެއްވަނަ ދުވަހު އުފައްދާފައިވާ ޖަމާއަތެ ކެވެ. އަދި ދިވެހިރާއްޖެ އިން ކޮލޮންބޯ ޕްލޭންގައި ބައިވެރިވެފައި ވަނީ 1963 ވަނަ އަހަރު އެވެ.

ކޮލޮންބޯ ޕްލޭންގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު އެންމެ ފަހުން ފުރުއްވާފައިވަނީ މެލޭޝިޔާގެ އަންހެން ބޭފުޅެއް ކަމުގައިވާ ޑާޓޯ ޕެޓްރީޝިއާ ޔޫން މޮއި ޗިއާ އެވެ.