30 Jul 2017, 20:19
ހއ. އިހަވަންދޫގައި ހިންގާ އައިސް ޕްލާންޓްގެ ތެރޭ މަރާލާފައި އޮތްވާ ފެނުނު ޅ. ހިންނަވަރު، އިސްމާއިލް އުމަރު (އިއްސެ)ގެ މަރުގެ ތަހުގީގު ނިންމާލައިފި އެވެ. ފުލުހުން ބުނީ، އެ މައްސަލާގައި ފަސް ބިދޭސީއެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ކަމަށެވެ.
މިދިޔަ ޖޫން މަހުގެ 16 ވަނަ ދުވަހު އިސްމާއިލްގެ ހަށިގަނޑު ފެނިފައި ވަނީ ބޮޑެތި ޒަހަމްތަކަކާ އެކު، އޭނާ މަސައްކަތް ކުރާ އައިސް ޕްލާންޓް ތެރޭގައި ހުރި އެކޮމަޑޭޝަން ރޫމްގައި މަރުވެފައި އޮއްވާއެވެ.
ކަރުގައި އެއްޗެއް އަޅުވައި ބާރުކުރުމުގެ ސަބަބުން ކަރުވެސް ވަނީ ވަރަށް ބޮޑަށް ޒަހަމްވެފައެވެ.
ފުލުހުން މިއަދު ބުނީ، އިއްސެގެ މަރުގެ މައްސަލައިގެ ތަހުގީގު ނިންމައި، އެ މައްސަލައިގައި ފަސް ބިދޭސީއެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް މިއަދު ފޮނުވާފައިވާނެ ކަމަށެވެ.
އިސްމާއިލް އުމަރުގެ މަރުގެ މައްސަަލައިގައި ފުލުހުން އެންމެ ފުރަތަމަ ހައްޔަރުކުރީ ސުމޮން މިއާ ނަމަކަށް ކިޔާ ބަންގްލަދޭޝް ރައްޔިތެކެވެ. އޭނާ ހައްޔަރުކުރީ ހދ. ކުޅުދުއްފުށީގައި ފިލައިގެން އުޅެނިކޮށެވެ. ފުލުހުން ބުނެފައިވާ ގޮތުން އޭނާ ވަނީ އިއްސެ މަރާލިކަމަށް އިއުތިރާފު ވެފައެވެ. އަދި އިސްމާއިލް މަރާލުމަށް ފަސް ބިދޭސީއަކު އޭނާއަށް އެހީތެރިވެދިންކަމަށްވެސް އޭނާ ބުނި ކަމަށް ފުލުހުން ބުނެފައިވެއެވެ.