30 Jul 2017, 20:58
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމަށް 45 މެމްބަރުން ސޮއިކޮށް ހުށަހެޅި ޕެޓިޝަން އަދިވެސް ދެމިއޮންނާނެ ކަމަށާއި، އެއީ އަދިވެސް ދެމިއޮތް، ސައްހަ ހުށަހެޅުމެއް ކަމަށް އިދިކޮޅު މަޖިލިސް މެމްބަރުން ބުނެފި އެވެ.
މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދި ފަހުން، އިލެކްޝަންސް ކޮމިޝަނުން ވަނީ މަޖިލީހުގެ ހަ މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނެފަ އެވެ. އެ ހަ މެމްބަރުންނަކީ ވެސް މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ސޮއި ކުރެއްވި ހަ މެމްބަރުންނެވެ. މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދޭނީ މަދުވެގެން 42 މެމްބަރުންގެ ސޮއިއާ އެކުގައެވެ.
ހަ މެމްބަރެއްގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅުމާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުން ވަނީ، މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ބާތިލުވެއްޖެ ކަމަށް ކަނޑައަޅާފަ އެވެ.
ކުނޫޒުގައި އިދިކޮޅު ޕާޓީތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވީ، މަސީހުގެ މައްސަލަ އަދިވެސް ދެމި އެބަ އޮތް ކަމަށާއި، އެ މައްސަލަ އޭގެ ގާނޫނީ ބާރުގައި އޮންނާނެ ކަމަށް ގަބޫލު ކުރައްވާ ކަމާށެވެ.
މިސާލެއް ދައްކަވަމުން އަލީ ވިދާޅުވީ، ކްރިމިނަލް ކޯޓުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ހުކުމް ކުރެއްވި ގާޒީ އެހެން ކޯޓަކަށް ބަދަލުކުރުމަކީ ރައީސް ނަޝީދުގެ ހުކުމް ބާތިލުވާނެ ކަމެއް ނޫން ކަމަށެވެ. އަދި މިހާރު އަމަލުކުރާ ގާނޫނުއަސާސީ ތަސްދީގު ކުރެއްވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކަމަށްވެފައި، އެމަނިކުފާނު ރައީސްކަމުގައި މިހާރު ނުހުންނެވުމަކީ ގާނޫނުއަސާސީ އުވެންޖެހޭނެ ކަމެއް ނޫން ކަމަށް ވެސް އަލީ ވިދާޅުވި އެވެ.
މީގެ އިތުރުން އަލީ ވިދާޅުވީ މަޖިލީހުގައި އެ މެމްބަރުން މިވަގުތު ނެތް ނަމަވެސް މައްސަލަ ސައްހަ ވާނެ ކަން، މަޖިލީހުގައި މީގެ ކުރިން އަމަލުކުރާ އުސޫލުން ވެސް އެނގޭ ކަމަށެވެ.
"މަރުހޫމް ޑރ. އަފްރާޝީމް ހުށަހެޅުއްވި ގާނޫނެއް، އަފްރާޝީމް އަވަހާރަވުމަށްފަހު ވެސް އެ ބިލު ބަލައިގަނެ، ފާސްކޮށް ނިމިފައި ވަނީ. އެހިސާބުން ބިލު ބިލަކަށް ނުވެ، ބަލައިނުގަނެ ބޭރުކޮށްލާފައެއް ނުވޭ،" އަލީ ވިދާޅުވިއެވެ.
މީގެ އިތުރުން އަލީ ހުސައިން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ސޮއި ކުރި އިރުވެސް، އޭގައި ސޮއިކުރި ހުރިހާ މެމްބަރުންނަކީ ވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންކަމާ މެދު އެއްވެސް ޝައްކެއް ނެތް ކަމަށާއި، އެހެންކަމުން މިހާރު ވެސް އެ މައްސަލަ ސައްހަކަމާ އެކު ދެމި އޮންނާނެ ކަމަށެވެ.