ނައިރޯބީ (ޖުލައި 30): ހަތިޔާރާ އެކު ކެންޔާގެ ނައިބު ރައީސް ވިލިއަމް ރޫޓޯ ދިރިއުޅުއްވާ ގެޔަށް ވަތް މީހެއްގެ ގަޔަށް ފުލުހުން ބަޑި ޖަހާ މަރާލައިފި އެވެ.

ކެންޔާގެ އެލްޑޮރެޓް ސިޓީގައި ހުންނަ އެގެއަށް މީހަކު ވަތް އިރު ނައިބު ރައީސް ރޫޓޯ އާއި އާއިލާ ގޭގައި ނޫޅުއްވާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

ޕޮލިސް ޗީފް ޖޯސެފް ބޮއިނެޓް ވިދާޅުވި ގޮތުގައި ނައިބު ރައީސް ރޫޓޯގެ ގެޔަށް މީހަކު ވަނީ ގޭގެ ބޭރުގައި ހުރި ފުލުހަކަށް ވަޅިން ހަމަލާ ދިނުމަށް ފަހު، ފުލުސް މީހާގެ ބަޑި ހިފައިގެންނެވެ. އަދި އެބަޑި މިހާރު ހޯދާފައިވާ ކަމަށާއި އޭނާ ހަރަކާތްތެރިވީ އެކަނި ކަމަށް ބޮއިނެޓް ވިދާޅުވި އެވެ.

އެހާދިސާ ހިނގީ ކެންޔާގެ ރިޔާސީ އިންތިހާބު ބާއްވަން ގާތްވެފައި ވަނިކޮށެވެ. އަދި ހާދިސާ ހިނގި ވަގުތު ރޫޓޯ ހުންނެވީ އެއިންތިހާބުގައި ވާދަ ކުރައްވާ މިހާރުގެ ރައީސް އުހުރޫ ކެންޔައްޓާގެ ކެމްޕެއިން ރެލީއެއްގަ އެވެ. (ބީބީސީ)