މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި މާލޭގައި ބޮން ގޮއްވަން އުޅުނު ކަމުގެ ތުހުމަތުގައި ހަތަރު މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފިއެވެ.

ދައުވާ އުފުލާފައިވާ މީހުންނަކީ ހއ. ހޯރަފުށި، ވިދުވަރު، ނާސިހު މުހައްމަދު އާއި ހަމަ އެރަށު އަލަނާސިގެ، މުހައްމަދު އަސްލީމް އާއި ގދ. މަޑަވެލި، ގުމްރީގެ، އިހްތިޝާމް އަހުމަދު ސައީދުގެ އިތުރުން ހދ. ނައިވާދޫ، ރިވެލި، ޝިމާން ޝަރީފްގެ މައްޗަށެވެ.

ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ އެ އެންމެންގެ މައްޗަށް ވެސް އުފުލާފައި ވަނީ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާ ކަމަށެވެ. އެ މައްސަލައިގެ އިތުރު ތަފްސީލެއް އަދި ނުލިބެއެވެ.

ދެހާސް ފަނަރަ ވަނަ އަހަރުގެ ތެރޭގައި މުލީއާގެ ކައިރިން އައިއީޑީއެއް ގޮއްވާލަން އުޅުނުކަން ސާބިތުވެ، ތިން މީހަކަށް 17 އަހަރުގެ ޖަލު ހުކުމެއް އަދި އެކަކަށް 20 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ.