ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އިތުރުން ހޯމް މިނިސްޓަރު އަޒްލީން އަހުމަދާ ވެސް އިންޑިއާ ސަފީރު އަކިލޭޝް މިޝްރާ ބައްދަލު ކުރައްވައިފި އެވެ.

އިންޑިއާ ސަފީރުގެ މައްޗަށް ތުހުމަތުތަކެއް ކޮށް ޕީޕީއެމްގެ ވިލުފުށީ ދާއިރާގެ މަޖިލިސް މެމްބަރު ރިޔާޒު ރަޝީދު ވަނީ ޓުވީޓް ކުރައްވައިފަ އެވެ. އިދިކޮޅު ފަރާތްތަކާ އެކު ސަފީރު ކުރަނީ ކޮން މަޝްވަރާއެއްތޯ ރިޔާޒު ވަނީ ސުވާލު އުފައްދަވައިފަ އެވެ.

ރިޔާޒުގެ ޓުވީޓަށް ރައްދު ދެއްވައި އަކިލޭޝް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ހުރިހާ ފަރާތްތަކާ ވެސް ގުޅުން ބަދަހިކުރަން ބޭނުންވާ ކަމަށާއި ރިޔާޒަށް ވެސް ދައުވަތު އަރުވާ ކަމަށެވެ.

އިންޑިއާ ސަފީރު އަކިލޭޝް މިޝްރާ ގާސިމް އިބްރާހިމްއާ ބައްދަލު ކުރައްވަނީ --- ފޮޓޯ/ އަކިލޭޝް ޓްވިޓަ

އެކަން އެގޮތަށް ހިނގާފައި ވަނިކޮށް އިއްޔެ މީޑިއާތަކުގައި ދެކެވުނު ވާހަކައަކީ އަކިލޭޝް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާ ބައްދައްލު ކުރެއްވި ވާހަކަ އެވެ.

މިއަދު އަކިލޭޝް ވަނީ އެމަނިކުފާނު ބައްދަލު ކުރެއްވި ފަރާތްތަކާ އެކު ފޮޓޯ އާންމުކޮށް ޓުވީޓް ކުރައްވައި ޝުކުރު އަދާކުރައްވައިފަ އެވެ.

އެގޮތުން ހޯމް މިނިސްޓަރު އަޒްލީން އަހުމަދާއި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި ގާސމް އިބްރާހިމްގެ ފޮޓޯ ވެސް އާންމު ކުރެއްވި އެވެ.