ރިސޯޓްތަކުން ސަރުކާރަށް ދައްކަން ޖެހޭ ކުއްޔާއި ޖޫރިމަނާ ނުދައްކައިފި ނަމަ އެ ރިސޯޓްތައް ހިންގުމަށް ދޫކޮށްފައިވާ ހުއްދަ ބާތިލުކުރާނެ ކަމަށް ބުނެ ތަކުރާރުކޮށް ސަރުކާރުން އިންޒާރުދީފައިވީ ނަމަވެސް، އެންމެފަހުން މުއްދަތު ހަމަވިއިރު މަދު ރިސޯޓްތަކަކުން ފައިސާ ދައްކައިފައިނިކޮށް، އެ ހުއްދަ ނުހިފަހައްޓަން ޓޫރިޒަމް މިނިސްޓްރީން މިއަދު ނިންމައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން މިގޮތަށް ނިންމާފައި މިވަނީ، ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ ފައިސާގެ 25 ޕަސަންޓް މިއަދުގެ ނިޔަލަށް ނުދައްކައިފި ނަމަ ރިސޯޓް ހުއްދަ ހިފަހައްޓާނެ ކަމަށް ބުނެ ފަހުގެ އިންޒާރުދީފައިވަނިކޮށެވެ.

ޓޫރިޒަމް މިނިސްޓްރީ އިން މިއަދު ނެރުނު ބަޔާނުގައި ބުނަނީ، ކުލި ނުދައްކާ ރިސޯޓްތަކާ މެދު އެޅުމަށް ސަރުކާރުން ނިންމި ފިޔަވަޅުތަކުގެ ތެރެއިން "ތަން ހިންގުމުގެ ހުއްދަ ހިފެހެއްޓުން މިވަގުތު ތަންފީޒު ނުކުރާ ގޮތަށް" ނިންމާފައިވަނީ، އެ ފިޔަވަޅު އަޅައިގެން "ސަރުކާރަށް ލިބެންވާ ފައިސާ ހޯދުމަށް މިވަގުތު އިތުރު ހަލުވިކަމެއް" އަންނާނެ ކަމަށް ނުފެންނާތީ ކަމަށާއި އަދި ކަނޑައެޅޭ ތާވަލެއްގެ ދަށުން އެފައިސާ ބަހާލައިގެން ދެއްކުމަށް ރިސޯޓްތަކުން މިހާރު އެއްބަސްވެފައިވާތީ ކަމަށެވެ.

"ނަމަވެސް، އެ ފައިސާ ހޯދުމަށް ޓަކައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީން ކުރައްވާ މަސައްކަތްތައް ކުރަމުން ގެންދެވޭނެ އެވެ." ޓޫރިޒަމްގެ ބަޔާނުގައި ބުނެފައިވެ އެވެ.

މީރާގެ ޑައިރެކްޓަ ޖެނެރަލް، ރެވެނިއު ސާވިސް ފަތުހުﷲ ޖަމީލް މިއަދު ވިދާޅުވީ، ކުއްޔާއި ޖޫރިމަނާ ނުދައްކާ 10 ރިސޯޓްތަކުގެ ތެރެއިން ތިން ރިސޯޓަކުން ކޮންމެވެސް ވަރަކަށް ފައިސާ ދައްކައިފައިވާ ކަމަށެވެ. އެގޮތުން ޕާކް ހަޔަޓް ]ކުރީގެ އަލީލާސް ވިލާ ހަނޑާ[ އަދި ފުނަމައުއްޑާގައި ހިންގާ ހުވަނދުމާފުށި ރިސޯޓް އޮޕަރޭޓްކުރާ ރޮބިންސަން އިން ކުއްޔާއި ޖޫރިމަނާގެ 25 ޕަސަންޓް ދައްކައިފައިވެ އެވެ.

އަދި ކުލީގެ ގޮތުގައި މިހާތަނަށް ސަރުކާރަށް ދައްކަން ޖެހޭ ހުރިހާ ފައިސާއެއް ދައްކައި ހަލާސްކޮށްފައިވަނީ ލ. އޮޅުވެލީގައި ހިންގާ ސިކްސެންސަސް ލާމް ރިސޯޓުން ކަމަށް ވެސް މީރާއިން ބުންޏެވެ. ނަމަވެސް، ޖޫރިމަނާގެ އެއްވެސް ފައިސާއެއް އެ ރިސޯޓުން ވެސް ނުދައްކަ އެވެ.

އެ ރިސޯޓްތަކުން ދެއްކި ފައިސާގެ ތަފްސީލްތަކެއް މިރާ އަކުން ނުބުނެ އެވެ. އަދި މުއްދަތު ހަމަވި އިރު ފައިސާ ނުދައްކައި ވަނީ ކޮންކޮން ތަންތަނަކުން ކަމެއް ވެސް މީރާއަކުން ނުބުނެ އެވެ.

ޓޫރިޒަމް މިނިސްޓްރީން އެކިފަހަރުމަތިން ކުލި ނުދައްކައި ރިސޯޓްތަކަށް ލުއިތަކެއް ދީފައިވާ ނަމަވެސް، މީރާ އިން މިހާރު ވަނީ ނުވަ މިލިއަނަށް ވުރެ ގިނަ ޑޮލަރު ހޯދަން ހަ ރިސޯޓެއްގެ މައްޗަށް ދައުވާކުރުމަށް ނިންމައިފަ އެވެ. ނަމަވެސް އެ ރިސޯޓްތަކުގެ ނަމެއް މީރާ އިން ނުބުނެ އެވެ.

ޓޫރިޒަމްގެ ގާނޫނު ބުނާގޮތުން ކުލި ނުދައްކައިފި ނަމަ އެ ރިސޯޓެއްގެ ހުއްދަ ބާތިލް ކުރުމުގެ އިހުތިޔާރު ޓޫރިޒަމް މިނިސްޓްރީއަށް ލިބެ އެވެ. ނަމަވެސް، އެ ފިޔަވަޅު އަޅާނެ ކަމަށް ބުނެ ރިސޯޓްތަކަށް އެތައް އިންޒާރެއް ދިނުމަށްފަހު ވެސް ޓޫރިޒަމުން މިވަނީ ހުއްދަ ނުހިފަހައްޓަން ނިންމައިފަ އެވެ.

މީގެ އިތުރުން، ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ ދެއްކުމުގެ މުއްދަތު ސަރުކާރުން ވަނީ ޖުލައި 12 އިން ފެށިގެން ތިން މަސް ދުވަހަށް އިތުރުކޮށްދީފަ އެވެ. މި މުއްދަތުގެ ތެރޭ ފައިސާ ނުދައްކައިފި ނަމަ އެ ރިސޯޓްތަކުގެ މައްސަލަ ހައްލުކުރަން ހަވާލުކުރަނީ ފިނޭންސް މިނިސްޓްރީއާ ކަމަށް ވެސް ޓޫރިޒަމުން ބުނެފައިވެ އެވެ.