ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް ބަދަލު ގެންނަން ނޫޅޭ ކަމަށާއި އިދިކޮޅު ފަރާތްތަކުން އުޅެނީ ފަސާދަ އުފައްދަން ކަމަށް ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް އަދި މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލް ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ފަރާތްތަކުން ބުނަމުން ގެންދަނީ ސުޕްރީމް ކޯޓުގެ ބެންޗަށް ބަދަލު ގެނެސް އުއްތަމަ ފަނޑިޔާރުގެ މަގާމަށް ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝުުކޫރު އައްޔަން ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން ދާ ކަމަށެވެ.

އިދިކޮޅު ފަރާތްތަކުގެ އެ ވާހަކަތަކަށް ރައްދު ދެއްވައި ޚަލީލް ކުރެއްވި ޓުވީޓެއްގައި މިއަދު ވިދާޅުވީ ސުޕްރީމް ކޯޓުގެ ބެންޗަށް ބަދަލު ގެންނަން އުޅޭ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ފަތުރަނީ ދޮގު ހަބަރެއް ކަމަށެވެ.

"ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރަން އުޅޭ ކަމުގެ ދޮގު އިދިކޮޅު ފަރާތްތަކުން ފަތުރަނީ ސުޕްރީމް ކޯޓުގައި އޮތް މައްސަލަތަކަށް ނުފޫޒު ފޯރުވަން،" ޚަލީލް ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކުން ފަސާދަ އުފައްދަން މަސައްކަތް ކުރަނީ "ހަތަރު އުދަރެސް ފެނު ޖެހި ގޮތް ހުސްވުމުން" ކަމަށް ޚަލީލް ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ ބެންޗަށް ބަދަލު ގެންނަން އުޅޭ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވާހަކަ ދައްކާ މިދަނޑިވަޅަކީ އެބޭފުޅުންނާ ގުޅިވަޑައިގެން ބައެއް މެމްބަރުންގެ މަޖިލީހުގެ ގޮނޑިއާ މެދު ސުވާލު އުފެދި އެ މައްސަލާގައި ގޮތް ނިންމައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދަނޑިވަޅެކެވެ.

އެމައްސަލަ މިހާރު ސުޕްރީމް ކޯޓަށް ވަނީ ބަލައިގެންފަ އެވެ.