އާންމުކޮށް ރާއްޖޭގެ ޓޫރިޒަމް އެންމެ ދަށްވާ، ހޫނު މޫސުމުގައި ނިމި ދިޔަ ޖޫން މަހު ރާއްޖެ ޒިޔާރަތް ކުރި ޓޫރިސްޓުންގެ އަދަދު 7.8 ޕަސެންޓު އިތުރުވެއްޖެ އެވެ.

ޖޫން މަހުގެ ޓުއަރިސްޓު އަރައިވަލް ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އެ މަހު ރާއްޖެ އައި ޖުމްލަ ޓުއަރިސްޓުންގެ އަދަދަކީ 85،222 އެވެ. އެއީ މިދިޔަ އަހަރުގެ ޖޫން މަހު ރާއްޖެ އައި 79،034 ޓޫރިސްޓުންނަށް ވުރެ 7.8 ޕަސެންޓު އިތުރު އަދަދެކެވެ.

މިދިޔަ މަހު ވެސް އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ، ރާއްޖޭގެ ޓުއަރިސްޓް މާކެޓުގައި އެންމެ ގިނަ ފަތުރުވެރިން އަންނަ ޗައިނާއިންނެވެ. އެގައުމުން މިދިޔަ މަހު 24،160 ފަތުރުވެރިން އައިސްފައިވީ ނަމަވެސް މިދިޔަ އަހަރުގެ ޖޫން މަހާ އަޅާ ބަލާ އިރު އެގައުމުން އައި ފަތުރުވެރިންގެ އަދަދު ވަނީ މިދިޔަ މަހު 15.7 ޕަސެންޓު މަދުވެފަ އެވެ. މިދިޔަ އަހަރުގެ ޖޫން މަހު ޗައިނާ އިން ރާއްޖެއަށް 28،653 ފަތުރުވެރިން އައިސްފައިވެ އެވެ.

ޗައިނާއިން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު މަދުވި އިރު މިދިޔަ މަސްތެރޭ އޭޝިއާ ބައްރުގެ ގައުމުތަކުން އައި ފަތުރުވެރިން އަދަދު ވަނީ އެއް ވަރެއްގައި ހިފެހެއްޓިފަ އެވެ.

ރާއްޖޭގެ ޓުއަރިސްޓު މާކެޓުގައި ކުރިއަރަމުން އަންނަ ޔޫރަޕް މާކެޓު ވެސް ވަނީ މިދިޔަ މަހު ކުރިއަރައިފަ އެވެ. އެގޮތުން ޔޫރަޕްގެ ގައުމުތަކުން މިދިޔަ މަހު ރާއްޖެއަށް 29،194 ފަތުރުވެރިން އައިސްފައިވެ އެވެ. އެއީ މިދިޔަ އަހަރުގެ ޖޫން މަހު އައި 25،661 ފަތުރުވެރިންނާ އަޅާ ބަލާ އިރު 13.8 ޕަސެންޓް އިތުރު އަދަދެކެވެ.

ޔޫރަޕުން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ ޖަރުމަނުންނާއި އިނގިރޭސި ވިލާތް އަދި ރަޝިއާއިންނެވެ. މިދިޔަ މަހު އިނގިރޭސި ވިލާތުން 5،893 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރި އިރު ޖަރުމަނުން 4،617 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރި އެވެ. ރަޝިއާ އިން ރާއްޖެ ޒިޔާރަތްކުރީ 2،939 ފަތުރުވެރިންނެވެ.

އަހަރުން އަހަރަށް ބަލާ އިރު މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ރާއްޖެ ޒިޔާރަތްކުރީ ޖުމްލަ 657،540 ފަތުރުވެރިންނެވެ. އެއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި 619،921 ފަތުރުވެރިންގެ 6.1 ޕަސެންޓުގެ ކުރިއެރުމެކެވެ.