30 Jul 2017, 12:23
ދޯހާ (ޖުލައި 30): ސައުދީ އަރަބިއާއިން ގަތަރުގެ ރައްޔިތުން ހައްޖަށް ދިޔުމަށް ހުރަސް އަޅައި، ހައްޖުގެ އަޅުކަމަކީ ސިޔާސީ ކަމަކަށް ހަދާފައިވާ ކަަމށް ގަތަރުގެ ހިއުމަން ރައިޓްސް ކޮމިޝަން (އެންއެޗްއާރުސީ)ން ބުނެފި އެވެ.
އެންއެޗްއާރުސީން އިއްޔެ ބުނި ގޮތުގައި ގަތަރުގެ ރައްޔިތުންނަށް ސައުދީން އަންގާފައިވާ ގޮތުން އެގައުމުގެ ރައްޔިތުންނަށް ސައުދީއަށް ވަދެވޭނީ ދެ އެއާޕޯޓަކުންނެވެ. އަދި ސައުދީއަށް ވަދެވޭނީ ވެރިރަށް ދޯހާއިންދާ ބޯޓުތަކަށް އެކަންޏެވެ. އޭގެ ސަބަބުން ގަތަރުން ބޭރުގައި ދިރިއުޅޭ މީހުން ޖެހޭނީ މައްކާއަށް ދިޔުމުގެ ކުރިން ގަތަރަށް ދާން ކަމަށް އެންއެޗްއާރުސީން ފާހަގަ ކުރި އެވެ.
އެންއެޗްއާރުސީން މިހާރު ވަނީ އެ މައްސަލަ އދ.ގެ ދީނީ މިނިވަންކަމާ ބެހޭ ހާއްސަ މަންދޫބު ޑރ. އަހުމަދު ޝަހީދަށް ހުށަހަޅައިފަ އެވެ. އަދި އެއީ އަޅުކަން ކުރުމުގެ މިނިވަންކަން ލިބިދޭ ބައިނަލްއަގުވާމީ ގާނޫނުތަކާއި އެއްބަސްވުންތަކާ ހިލާފު ކަމެއް ކަމަށް ބުނެފަ އެވެ.
މީގެ ކުރިން ރޯދަމަހު ސައުދީ އަރަބިއާއަށް އުމްރާއަށް ދިޔަ ގަތަރުގެ ރައްޔިތުން ހަރަމްފުޅަށް ވަނުން ސައުދީ އޮފިޝަލުން ހުއްޓުވި ކަމަށް އެންއެޗްއާރުސީން ވަނީ ބުނެފަ އެވެ. ނަމަވެސް ސައުދީ ސަރުކާރުން ވަނީ އެތުހުމަތުތައް ދޮގުކޮށްފަ އެވެ.
ސައުދީ އަރަބިއާ އާއި ގަތަރާ ދެމެދު ދަތުރުފަތުރުކުރުން ހުއްޓާލީ ގަތަރުން ޓެރަރިޒަމަށް ހަރަދު ކުރާ ކަމަށް ބުނެ ސައުދީން މިދިޔަ މަހުގެ ފަސް ވަނަ ދުވަހު ގަތަރާ ގުޅުން ކަނޑާލި ފަހުންނެވެ. ސައުދީ އަރަބިއާގެ އިތުރުން ގަތަރާ ގުޅުން ކަނޑާފައިވާ ގައުމުތަކުގެ ތެރޭގައި ޔުނައިޓެޑް އެރެބް އެމިރޭޓްސް، ބަހްރެއިން އަދި މިސްރު ހިމެނެ އެވެ. (އަލްޖަޒީރާ)