މާލޭ ލީގުގެ ގަދަ ހަތަރަކާއި އަތޮޅު ތަކުގައި ކުރިއަށްގެންދިޔަ މިނިވަން ޗެމްޕިއަންޝިޕްގެ ގަދަ ހަތަރެއް ހިމަނައިގެން ކުރިއަށްގެންދާ ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި މާލޭ ލީގުގެ ޗެމްޕިއަން މާޒިޔާ އާއި މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަން ދ. ކުޑަހުވަދޫ ބައްދަލުކުރަން ޖެހިއްޖެ އެވެ.

އަންނަ ހުކުރު ދުވަހު ފަށާ އެމުބާރާތް އެ ދެ ޓިމުން ހުޅުވައިދޭއިރު ހުރިހާ ޓީމެއްވެސް އަންނަނީ މުބާރާތަށް ވަރުގަދައަށް ތައްޔާރު ވަމުންނެވެ. އެގޮތުން މި އަހަރު މާލޭ ލީގުން ފުލަށް ދިޔަ ހަތަރު ޓީމަށް ނިސްބަތްވާ ގިނަ އަދަދެއްގެ ކުޅުންތެރިން ވަނީ ޕްރިމިއާ ލީގުގައި ކުޅޭ ޓީމް ތަކަށް ބަދަލުވެފައެވެ.

މާލޭ ލީގުގެ ޗެމްޕިއަން މާޒިޔާއިންވެސް ވަނީ އެ ޓީމުގައި ތިބި ބައެއް ބިދޭސީ ކުޅުންތެރިން ދޫކޮށްލައި ވިކްޓަރީ ސްޕޯޓްސްއަށް ނިސްބަތްވާ ހަ ކުޅުންތެރިއަކު ގެނެސްފައެވެ. ނިއުރޭޑިއަންޓް، މިލަންދޫ، ޓީސީ، ގްރީން ސްޓްރީޓް، ތިނަދޫ އިންވެސް ވަނީ ގިނަ ކުޅުންތެރިން ތަކެއްގެ ސޮއި ހޯދާފައެވެ.

ޕްރިމިއާ ލީގުގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ޓީސީ އާއި ނިއުރޭޑިއަންޓެވެ. އެ މެޗު ކުޅޭނީ ހުކުރު ދުވަހުގެ ރެ އެވެ. އަންނަ އާދިއްތަ ދުވަހު ކުޅޭ މެޗުގައި ވާދަކުރާނީ ގްރީން ސްޓްރީޓާއި މިލަންދޫއެވެ. އެ ރޭ ކުޅޭ މެޗުގައި ވާދަކުރާނީ ތިނަދުއާއި މާޅޮހެވެ.