30 Jul 2017, 09:54
ވޮޝިންޓަން (ޖުލައި 30): އުތުރު ކޮރެއާގެ ނިއުކްލިއާ އަދި މިސައިލް ޕްރޮގްރާމް ހުއްޓުވަން ޗައިނާ އިން އެކަށީގެންވާ ވަރަށް ފިޔަވަޅު ނާޅާ ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހިތްހަމަ ނުޖެހުން ފާޅު ކުރައްވައިފި އެވެ.
ޓްރަމްޕް އެފަދައިން ވިދާޅުވެފައި ވަނީ އުތުރު ކޮރެއާ އިން މިމަސް ފެށުނު ފަހުން ދެ ވަނަ ފަހަރަށް އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލެއް (އައިސީބީއެމް) ޓެސްޓު ކުރި ފަހުންނެވެ. އެގައުމުން ބުނި ގޮތުގައި އެމިސައިލަކީ އެމެރިކާގެ ކޮންމެ ސަރަހައްދަކަށް ވެސް ހަމަލާ ދިނުމުގެ ގާބިލުކަން ލިބިފައިވާ މިސައިލެކެވެ.
އޭގެ ސަބަބުން ޗައިނާ އިން ވަނީ މިސައިލް ޓެސްޓު ކުށްވެރިކޮށް، ހުރިހާ ފަރާތްތަކުން ވެސް އުތުރު ކޮރެއާއަށް ފިއްތުންތައް ކުރިމަތި ކުރުވުމަށް ގޮވާލާފަ އެވެ.
ނަމަވެސް ރައީސް ޓްރަމްޕް މިއަދު ކުރެއްވި ޓުވީޓުތަކެއްގައި އޭނާ ވަނީ ޗައިނާ އިން އުތުރު ކޮރެއާ ހުއްޓުވަން އެއްވެސް ކަމެއް ނުކުރާ ކަމަށް ވިދާޅުވެ އެގައުމަށް ފާޑު ވިދާޅުވެފަ އެވެ. އަދި ޗައިނާއަށް ވަރަށް ފަސޭހައިން އެމައްސަލަ ހައްލު ކުރެވޭނެ ކަމަށާއި ކުރިއަށް އޮތް ތަނުގައި އެގައުމުން އުތުރު ކޮރެއާއާ ދެކޮޅަށް ފިޔަވަޅު ނާޅާ އޮތުމަށް ފުރުސަތު ނުދޭނެ ކަމަށް ވިދާޅުވެފަ އެވެ.
މީގެ ކުރިން ޗައިނާގެ ރައީސް ޝީ ޖިންޕިންގް އާއި ރައީސް ޓްރަމްޕްގެ ބައްދަލުވުމެއްގައި ދެ ބޭފުޅުން ވަނީ އުތުރު ކޮރެއާއާ ދެކޮޅަށް އަޅާނެ ފިޔަވަޅުތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވައިފަ އެވެ. ނަމަވެސް އެމަޝްވަރާތުގެ ފަހުން ވެސް އުތުރު ކޮރެއާ އިން ވަނީ ދެ އައިސީބީއެމް ޓެސްޓުކޮށްފަ އެވެ. (ބީބީސީ)