ޒަޚަމްތަކާ އެކު ރޭ މެންދަމު މާވެޔޮމަގުން ފެނުނު މީހަކީ ވައްކަން ކުރަން އުޅުނުކަމުގެ ތުހުމަތުގައި ބަޔަކު އޭނާގެ އަތުން ފޯން ފޭރިގަނެ ހިންގި މާރާމާރީއެއްގައި ޒަހަމްވި މީހެއް ކަމަށާއި އޭނާ އަށް ފަރުވާދިނުމަށް ފަހު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ ރޭ 12:00 ޖަހާކަންހާއިރު އެމާރާމާރީ ހިނގީ މައްޗަންގޯޅި ސަހަރާ ކައިރިން ކަމަށެވެ.

މިހާތަނަށް ބެލެވޭގޮތުގައި އެމާރާމާރީ ހިނގީ ޒަހަމްވި މީހާ އެސަރަހައްދުގެ ގެއަކުން ވައްކަން ކުރަން އުޅުނުކަމުގެ ތުހުމަތުގައި ބަޔަކު އޭނާއާއި މާރާމާރީ ހިންގައި އޭނާގެ ފޯން ފޭރިގަންނަން އުޅުމުގެ ތެރެއިންނެވެ. މައްޗަންގޯޅީ ސަހަރާ ކައިރިން ހިނގި އެމާރާމާރީގައި އަނިޔާވި މީހާގެ އަތުން ފޯނު ފޭރިގަނެ ހަމަލާތަކެއް ދީފައިވާއިރު އޭނާ ވެއްޓިފައި އޮތީ މާވެޔޮ މިސްކިތް ސަރަހައްދަށެވެ.

އައިޖީއެމްއެޗްގެ އިންފޮމޭޝަން އޮފިސަރު، އަހުމަދު މައުސޫމް "ސަން" އަށް ވިދާޅުވީ ރޭ މެންދަމު މާރާމާރީއެއްގައި ޒަހަމްވެގެން އެހޮސްޕިޓަލަށް ގެނައި މީހާއަށް ބޮޑެތި އަނިޔާތަކެއް ލިބިފައިނުވާ ކަމަށާއި އޭނާ އަށް ފަރުވާ ދީ މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.

"ސީޓީ ސުކޭންއެއް ހަދައ ފަރުވާ ދީފައި ޑިސްޗާޖުކޮށްފައި ވަނީ، ބޮޑުތި ޒަހަމްތަކެއް ނެތް" މައުސޫމް ވިދާޅުވި އެވެ.

އެމައްސަލާގައި މީހަކު ހައްޔަރު ކުރިކަން ނުވަތަ ނުކުރާކަން ވެސް އަދި ވަނީ ސާފުވާގޮތް ނުވެފަ އެވެ.

މިދުވަސް ވަރަކީ ސިލްސިލާ މާރާމާރީތަކެއް ހިންގަމުންދާ ދުވަސްވަރެކެވެ. އޭގެ އެއް މާރާމާރީގައި ޒަހަމްވި 24 އަހަރުގެ ޒުވާނަކަށް ފަރުވާ ދެމުންދަނިކޮށް އިއްޔެ ވަނީ މަރުވެފަ އެވެ.