ފުލުހުންގެ ސަފު ފަޅާލާފައި ގޮސް މަޖިލީހުގެ އިދާރާއަށް ވަން މައްސަލާގައި ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒުގެ ބަޔާނެއް ނަގައިފި އެވެ.

ފުލުހުން ރިޔާޒުގެ މައްޗަށް ތުހުމަތު ކުރަނީ ފުލުހުންގެ ދައުރު އަދާ ކުރަން ދަތި ކުރުމުގެ ތުހުމަތަކާއި ހުއްދަ ނޫން ތަނަކަށް ވަނުމުގެ ތުހުމަތާއި، މާރާމާރީ ހިންގަން ހިއްވަރުދިން ކަމުގެ ތުހުމަތެވެ.

އެ ތުހުމަތުތައް ރިޔާޒުގެ މައްޗަށް ފުލުހުން ކުރަނީ މިމަހުގެ 24 ވަނަ ދުވަހު ފުލުހުންގެ ސަފު ފަޅާލައި ގޮސް މަޖިލީހުގެ އިދާރާއަށް ވަން ކަމަށް ބުނެ އެވެ.

މިރޭ ފުލުހުންނަށް ބަޔާން ދިނުމަށްފަހު ނުކުމެ ވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަބްދުﷲ ރިޔާޒު ވިދާޅުވީ ފުލުހުން ކުރި ސުވާލު ތަކަށް ޖަވާބުދީ ބަޔާން ދީފައިވާނެ ކަމަށެވެ.

އަދި ގާނޫނާ ހިލާފު އެއްވެސް ކަމެއް ނުކުރާ ކަމަށް ރިޔާޒު ވިދާޅުވި އެވެ.

ރިޔާޒުގެ އިތުރުން ހަމަ އެ ތުހުމަތު ތަކުގައި މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ މައިނޯރިޓީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު އާއި މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހުވެސް ވަނީ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ބަޔާން ނަގާފަ އެވެ.