ޕާކިސްތާނުގައި ހުސްވެފައިވާ، އެގައުމުގެ ބޮޑުވަޒީރުގެ މަގާމަށް ކުރީގެ ބޮޑުވަޒީރު މުހައްމަދު ނަވާޒް ޝަރީފްގެ ކޮއްކޮ ޝަހުބާޒް ޝަރީފް އިސްކުރުމަށް އެގައުމުގެ ވެރިކަން ކުރާ ޕާޓީން ހުށަހަޅައިފިއެވެ.

ޕާކިސްތާނުގެ ވެރިކަން ކުރާ ޕާކިސްތާން މުސްލިމް ލީގުގެ، ނަވާޒް ޝަރީފް ފެކްޝަނަށް (ޕީއެމްއެލްއެން)އަށް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ އޮންނަ އިރު، އެގައުމުގައި ވެރިކަން ކުރަނީ އެޕާޓީންނެވެ.

ބޮޑުވަޒީރުކަމުގައި ހުންނެވި ނަވާޒް ޝަރީފްގެ ކޮރަޕްޝަނުގެ މައްސަލައެއް އެގައުމުގެ ސުޕްރީމް ކޯޓުން ބަލައި، އޭނާ ބޮޑުވަޒީރުކަމުގައި ހުންނެވުމުގެ ޝަރުތު ފުރިހަމަނުވާކަމަށް ހުކުރު ދުވަހު އެކޯޓުން ކަނޑައެޅުމާ ގުޅިގެން، ނަވާޒް ވަނީ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.

ނަވާޒަށްފަހު އެމަގާމަށް އައުމަށް ޕީއެމްއެލްގެ ނަވާޒް ފެކްޝަނުން ނޮމިނޭޓުކޮށްފައިވަނީ ނަވާޒް ޝަރީފުގެ ކޮއްކޮ ޝަހުބާޒް ޝަރީފެވެ.

ޝަހުބާޒަކީ ޕާކިސްތާނުގެ ޕަންޖާބު ސްޓޭޓުގެ ޗީފް މިނިސްޓަރުކަން މިހާރު ކުރައްވާ ބޭފުޅާއެވެ. މީގެ ކުރިން ދެފަހަރަކު ޕަންޖާބުގެ ޗީފް މިނިސްޓަރުކަން އޭނާ ކުރައްވާފައިވެއެވެ.

ޝަހުބާޒްއަކީ މިވަގުތު ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއް ނޫނެވެ. ނަވާޒް ޝަރީފް ވިދާޅުވީ، ކުރިޔަށް އޮތް 50 ވަރަކަށް ދުވަހު އެގައުމުގެ ބޮޑުވަޒީރުގެ މަގާމު ވަގުތީ ގޮތުން އަދާކުރައްވާނީ އެގައުމުގެ ޕެޓްރޯލިއަމް މިނިސްޓަރު ޝާހިދު ޚާޤާން އައްބާސީ ކަމަށެވެ. ނަވާޒް ވަކިވުމާ އެކު ޝާހިދު ވަނީ ބޮޑުވަޒީރުގެ މަގާމާ ވަގުތީ ގޮތުން ހަވާލުވެފައެވެ.

އެއަށްފަހު، ޕާކިސްތާން މުސްލިމު ލީގުން ނިންމާފައިވަނީ ޝަހުބާޒް ޝަރީފް، ޕަންޖާބުގެ ޗީފް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދިނުމަށްފަހު ގާނޫނު ހަދާ މަޖިލީހަށް އިންތިޚާބު ކުރުމަށެވެ.

އުމުރުން 67 އަހަރުގެ ނަވާޒް ޝަރީފްއާ ދެކޮޅަށް ސުޕްރީމް ކޯޓުން ބެލީ، 1990ގެ އަހަރުތަކުގައި އޭނާ ޕާކިސްތާނުގެ ބޮޑުވަޒީރު ކަމުގައި ހުންނެވި އިރު، ކަޅުފައިސާ ދޮވުމުގެ މުއާމަލާތްކޮށް، ނަވާޒް ޝަރީފް އާއި އޭނާގެ އާއިލާއިން ޕާކިސްތާނުގެ ދައުލަތުގެ ފައިސާ ގަތަރަށް ގެންގޮސް އެފައިސާއިން ލަންޑަނުން ގެތަކެއް ގަތްކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ.

މިއީ މަޝްހޫރު ޕެނަމާ ޕޭޕަރުތަކުގެ ނަމުގައި މިދިޔަ އަހަރު ކުރިން ބޭޒާރުކޮށްލި މައްސަލަތަކުގެ ތެރޭގައި ހިމެނޭ މައްސަލައެކެވެ. އެހެން ނަމަވެސް ޝަރީފް ވަނީ އޭނާއާ މެދު ކުރެވުނު ތުހުމަތުތަކުގައި އެއްވެސް ހަގީގަތެއް ނެތްކަމަށް ވިދާޅުވެފައެވެ.