ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރުކަމުން ވަކިކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނާ މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑޭ) ހައްޔަރު ކުރީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ޚިލާފަށް ގާނޫނީ އިންޒާރު ނުދީ ކަމަށް އޭނާގެ ގާނޫނީ ވަކީލު މަހުފޫޒު ސައީދު ވިދާޅުވެއްޖެ އެވެ.

ވައްޑޭ ހައްޔަރުކޮށްފައި ވަނީ މަޖިލީހުގެ މެމްބަރެއް ނޫން ގޮތުގައު ހުރެ މަޖިލީހަށް ވަން ކަމުގެ ތުހުމަތުގަ އެވެ. ކްރިމިނަލް ކޯޓުން ވައްޑޭގެ ބަންދަށް ވަނީ 15 ދުވަސް ޖަހާފަ އެވެ.

ޖުމްހޫރީ ޕާޓީގެ އިދާރާ މާފަންނު ކުނޫޒުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވައްޑޭގެ ވަކީލު މަހުފޫޒު ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 44 ގައި ބަޔާން ކުރާ ގާނޫނީ އިންޒާރު ވައްޑޭ ހައްޔަރު ކުރި އިރު ދީފައި ނުވާ ކަމަށެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 44 ވަނަ މާއްދާ

(ހ) - ކުށެއްގެ ތުހުމަތުގައި ފުލުހުން މީހަކު ހައްޔަރުކޮށްފިކަން އޭނާއަށް އަންގާހިނދު އޭނާއަށް ދޭން ޖެހޭ ގާނޫނީ އިންޒާރު ދޭންވާނެ އެވެ.

އެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން މީހަކު ހައްޔަރު ކުރެވޭއިރު އެ ހައްޔަރު ކުރެވެނީ ކަމާއި، ހައްޔަރު ކުރެވެނީ ކޮން މައްސަލައެއްގެ ތުހުމަތުގައިކަން ހައްޔަރު ކުރެވޭ ވަގުތު ގާނޫނީ އިންޒާރުގެ ގޮތުގައި ދޭން ވާނެ އެވެ.

އަދި ހަނު ހުރުމުގެ ހައްގު ލިބިގެންވާ ކަމާއި ސުވާލަށް ޖަވާބު ދިނުމުގެ ހައްގު ލިބިގެންވާ ކަންވެސް ހައްޔަރު ކުރާ ގަޑީގައި އޭނާއަށް އަންގަންޖެހޭނެ ކަމަށް ގާނޫނުގައި ވަނީ ބުނެފަ އެވެ.

މަހުފޫޒު ވިދާޅުވީ ކޯޓު އަމުރުގައި ވައްޑޭ ހައްޔަރު ކުރާ ސަބަބު ބަޔާންކޮށްފައި ވީނަމަވެސް ގާނޫނީ އިންޒާރު އޭނާއަށް ދޭން ޖެހޭނެ ކަމަށާއި ފުލުހުން އެކަން ކޮށްފައި ނުވާ ކަމަށެވެ. އަދި ހައްޔަރު ކުރިކަން ބަޔާން ކުރާ ފޯމުގައިވެސް އެ އިންޒާރު އެގޮތަށް ދިން ކަމަށް ފާހަގަ ޖަހާފައި ނުވާ ކަމަށް މަހުފޫޒު ވިދާޅުވި އެވެ.

އޭގެ އިތުރުންވެސް މަޖިލިސް މެމްބަރެއްގެ ގޮތުގައި ވައްޑޭ ހުރި އިރު އޭނާ ހައްޔަރުކުރުމުގައި މަޖިލިސް މެމްބަރުންގެ އިމްތިޔާޒު ގާނޫނާ ޚިލާފަށް އަމަލުކޮށްފައިވާ ކަމަށް މަހުފޫޒު ވިދާޅުވި އެވެ. އެހުރިހާ ކަމަކަށް ރިއާޔަތްކޮށް މާދަމާގެ ވަގުތެއްގައި ހައިކޯޓުގައި ބަންދުގެ މުއްދަތު އިސްތިއުނާފު ކުރާނެ ކަމަށް މަހުފޫޒު ވިދާޅުވި އެވެ.

"އަޅުގަނޑު ހައިކޯޓުގައި ވަރަށް ބޮަޑަށް އެދެން ވައްޑޭގެ ބަންދަށް ޖަހާފައިވާ 15 ދުވަސް ހަމަވުމުގެ ކުރިން ހައިކޯޓުން އެމައްސަލާގައި ގޮތެއް ނިންމައި ދިނުމަށް" މަހުފޫޒު ވިދާޅުވި އެވެ.

އޭގެ އިތުރުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު ކަމުން ވަކިކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ މުހައްމަދު އަމީތު އަހުމަދު މަނިކުގެ ބަންދުގެ މައްސަލަވެސް މާދަމާ އިސްތިއުނާފު ކުރާނެ ކަމަށް އޭނާގެ ވަކީލު އަލީ ޒާހިރު ވިދާޅުވި އެވެ.