29 Jul 2017, 17:58
މާލޭގެ ކެފޭއެއްގެ ތެރޭގައި ވަޅި ހަރައި ޒަޚަމްކޮށްލި ޒުވާނާ މަރުވެއްޖެއެވެ.
މި މަހުގެ 27 ވަނަ ދުވަހުގެ ހަވީރު 6:30 އެހައިކަންހާއިރު، ވަޅި ހަރާފައި ވަނީ ލޮނުޒިޔާރަތްމަގުގައި ހުރި ޓާމިނަލް ކެފޭގެ ތެރޭގައި އިން ޒުވާނެއްގެ ބޮލަށެވެ.
އެ ޒުވާނާ އަކީ ހއ. ތަކަންދޫ، އިބްރާހިމީ ހިޔާ، ނަދީމު އަބްދުއްރަހީމް،23، އެވެ. އޭނާގެ ހާލު ސީރިއަސްވެ މިއަދާ ހަމައަށް އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި ގެންދިޔައީ ފަރުވާދެމުންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ނަދީމް މަރުވީ މިއަދުގެ ވަގުތެއްގައި ކަމަށެވެ.
މަންޒަރު ދުށް މީހުން ބުނިގޮތުގައި އޭނާގެ ބޮލަށް ވަޅި ހެރީ މޫނު ނިވާކޮށްގެން ތިބި ބަޔެކެވެ. ވަޅި ހެރުމަށްފަހު އެ ވަޅި ނައްޓާނުލައި އެމީހުން ވަނީ ފިލާފައެވެ. އެ ވަޅި ނައްޓާލީ އެ ކެފޭގައި ތިބި ބަޔެކެވެ.
އެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.