20 Jul 2011, 17:06
ސިވިލް ސާވިސް މުވައްޒަފަކާ މެދު ސިވިލް ސާވިސް ކޮމިޝަނުން )ސީއެސްސީ( އިން ފިޔަވަޅު ނޭޅުމުން ރަށު ކައުންސިލްގެ އިދާރާގެ މަސްލަހަތު ގެއްލިފައިވާ ކަމަށް ބުނެ ކައުންސިލަރުން އަމިއްލަފުޅަށް ގދ. ތިނަދޫ ކައުންސިލު އިދާރާ ބަންދުކޮށް ތަޅު އަޅުވައިފި އެވެ.
ތިނަދޫ ރަށު ކައުންސިލްގެ ރައީސް އަހުމަދު ނަސީރު މިއަދު ވިދާޅުވީ އެ އިދާރާގެ ސީނިއާ އެޑްމިނިސްޓްރޭޓިވް އޮފިސާ ގްރޭޑް 2، ގެ މަގާމުގައި ހުންނެވި އެ ރަށު ގާޑަން، ފާރޫގު އަލީ އަކީ މަގާމުގެ ގާބިލްކަމެއް ނެތް މީހެއް ކަމަށެވެ. ގާބިލްކަން ހުރިތޯ ބެލުމަށް ހެދި އިމްތިހާނުން ވެސް ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ފާރޫގު ކުފޫ ހާމަނުވާ ކަމަށް ނަސީރު ވިދާޅުވި އެވެ.
ރަށު ކައުންސިލަރުން އިދާރާއާ ހަވާލުވެ ވަޑައިގަތުމުގެ ކުރިން ކުޑަކަތީބުގެ އެހީތެރިޔާގެ މަގާމުގައި ހުންނެވި ފާރޫގާ ބެހޭ ގޮތުން ނަސީރު ވިދާޅުވީ މިދިއަ ދެ އަހަރު، ތިން މަސްތެރޭގައި އެކި ދުވަސްމަތިން 32 ދުވަހު އޮފީހަށް ފާރޫގު ހާޒިރުނުވެ އޮތް ކަމަށެވެ. އެ މައްސަލައިގައި ޒިންމާދާރު އިސްވެރިޔާ އޭނާއާމެދު އެއްވެސް ފިޔަވަޅެއް އަޅުއްވާފައި ނުވާތީ އެ މައްސަލަ ބައްލަވައި ވަޒީފާއިން ވަކިކޮށްދިނުމަށް ސީއެސްސީއަށް ހުށަހެޅި ކަމަށް ވެސް ނަސީރު ވިދާޅުވި އެވެ.
ފާރޫގާ މެދު ސީއެސްސީން ފިޔަވަޅު އަޅާފައި ނުވާތީ އޮފީހުގެ އެއްވެސް އެއްޗެއް ބޭނުން ނުކުރަން އޭނާއަށް އެންގުމުން މިއަދު ވެސް އޮފީހަށް ނުކުމެފައިވާތީ މުވައްޒަފުންގެ މެދުގައި މަސްލަހަތު ގެއްލުމުން ކައުންސިލް އިދާރާ ބަންދު ކުރީ ކަމަށް ނަސީރު ވިދާޅުވި އެވެ.
"ސީއެސްސީން އަޅުގަނޑުމެންނަށް ދިން ޖަވާބަކީ މާ ކުރިން ހިނގާފައިވާ ކަމެއް ކަމުން އޭނާ ގޭގައި މަޑު ނުކުރުވޭނެ ކަމަށް. އެބޭފުޅުން އެއްބާރުލުން ނުދިނުމުން އޮފީހަށް ވެސް އޭނާ ނުކުންނަކީ އޮފީހުގެ ސާމާނުތައް ވެސް އޭނާ ބޭނުންކުރަނީ. އަޅުގަނޑުމެން އޭނައަށް އެންގީ އޮފީހުގެ ކޮންޕިއުޓަރާއި އެހެނިގެން ސާމާނު ބޭނުންނުކޮށް އޮފީހަށް ނުކުތަސް މައްސަލައެއް ނެތޭ. އެހެން ބުނީމަ އޭނާ އަށް އެކަން އަންގަންޖެހޭނީ ސީއެސްސީން ކަމަށޭ. މިތާންގައި ތިބޭނީ ތިނަދޫ ރައްޔިތުންގެ މުދަލޭ ކިޔާފަ ޒުވާބު ކުރަންފެށީމަ މުވައްޒަފުންނަށް އެފަދަ )ރަނގަޅު( މާހައުލެއް ލިބެންދެން ބަންދުކޮށްލީ،" އެމްޑީޕީގެ މެޖޯރިޓީ އޮންނަ ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
ސީއެސްސީގެ އެސޯސިއޭޓިވް ލީގަލް ކައުންސިލް މެންބަރު އަބްދުއް ނާފިޒު ޝަފީގު މިއަދު ވިދާޅުވީ ސީއެއްސީގެ ހުއްދައާ ނުލައި ފަރޫގު ގޭގައި ބެހުއްޓުމަށް ކައުންސިލުން ގަރާރެއް ފާސްކުރި ކަމަށާއި އެކަން ކޮށްފައި ވަނީ ލާމަރުކަޒީ ގާނޫނާ ހިލާފަށް ކަމަށެވެ. އަދި 2009 އަހަރާއި 2010 އަހަރު އެކި ދުވަސްތަކުގައި ހާޒިރު ނުވި ކަމަށް ބުނެ ވަޒީފާއިން ވަކި ކުރުމަށް ސީއެސްސީގައި ކައުންސިލުން އެދިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް ކަމެއްގެ މުއާލަތް ކެނޑި ގައިވާއިދުން މިހާރު އޮފީހަށް ނުކުންނަ މުވައްޒަފަކާ ދޭތެރޭގައި ފިޔަވަޅު އެޅުމަކީ ގާނުނީ ތަރަހައިގެ ތެރެއިން މިހާރު ކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"2009 ޑިސެންބަރު މަހު ދުވަސްކޮޅަކު ނުނުކުންނަވާފަ. އަދި 2010 އަހަރުގެ ޖެނުއަރީ މަހު ކުޑަ ދުވަސްކޮޅަކު ނުނުކުންނަވާފަ ޖުމްލަ 32 ދުވަހެއްގެ ވާހަކަ މިދައްކަނީ. ކުއްލިއަކަށް މިއަދު ނުވަތަ ދެތިން ދުވަހެއް ކުރިން ވަޒީފާއިން ވަކިކުރަން ހުށަހަޅައިގެން މިކަން ކުރެވިދާނެތޯ މި ސުވާލު މިކުރެވެނީ. އެއީ ވަޒީފާއާ ބެހޭ ގާނޫނު ތަންދޭ ގޮތެއް ވެސް ނޫން އަދި ސިވިލްސާވިސްގެ ގަވާއިދު ތަންދޭ ކަމެއް ނޫން އެއީ. އެމީހަކާ ދޭތެރޭ އަޅަންޖެހޭ ފިޔަވަޅު ނާޅައި، އޭނާ ރީތި ގޮތުގައި ކުރިއަށް ދަނިކޮށް އެ ފިޔަވަޅު އެޅުމަކީ ގާނޫނީ ތަރަހައިގެ ތެރެއިން ކުރެވޭނެ ކަމެއް ނޫން،" ނާފިޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ މުއްޒަފު މަގާމަށް ގާބިލްކަން ނެތް ކަމަށް ވާނަ، އެކަމުގެ ތަފްސީލް ސީއެސްސީއަށް ހުށަހެޅުމުން އޮންނަ އުސޫލްތަކެއްގެ މަތިން ވަޒީފާއިން ވަކި ކުރެވިދާނެ ކަމަށެވެ.