14:30


ޕާކިސްތާނުގެ ހުޅަނގު އުތުރުގެ އަވަށެއް ކަމަށްވާ ދީރާ އިސްމާއިލް ޚާންގައި ހަނގުރާމަވެރިޔަކު އަމިއްލައަށް މަރުވެގެން ދިން ހަމަލާއެއްގައި 11 މީހަކު މަރުވެ އިތުރު 15 މީހަކު ޒަޚަމްވެއްޖެ އެވެ.


އެއަވަށުގައި ހަރަކާތްތެރިވާ ފުލުހުންގެ އިސްވެރިޔާ ގުލް އަފްޒަލް ޚާން ވިދާޅުވީ ބައިސްކަލަކުން ދިޔަ އެހަނގުރާމަވެރިޔާ ހަމަލާދީފައިވަނީ އަވަށް ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންގެ ވޭނަކަށް ކަމަށެވެ. އަދި މިހަމަލާގައި މަރުވެފައިވަނީ ފުލުހުންގެ ތިން އޮފިސަރަކާއި އާންމުންގެ އަށްމީހެއް ކަމަށާއި މަރުވެފައިވާ މީހުންގެ ތެރޭގައި ދެ ސްކޫލް ކުއްޖަކު ހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


މި ހަމަލާ އައިސްފައި މިވަނީ ޕާކިސްތާނާއި އަފްޣާނިސްތާނުގެ ދެމެދުގައިވާ ސަރަހައްދީ ބޯޑަރު ކައިރީ ހަރަކާތްތެރިވާ ހަނގުރާމަވެރިން ކަމަށް ޝައްކުކުރެވޭ 60 މީހަކު މަރާލާފައިވާ ކަމަށް ޕާކިސްތާނުގެ އަސްކަރިއްޔާއިން އިއުލާން ކުރިތާ އެއް ދުވަސް ފަހުންނެވެ.


މިހަމަލާގެ ޒިންމާ އަދި މިހާތަނަށް އެއްވެސް ޖަމާއަތަކުން އުފުލާފައިނުވީނަމަވެސް ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މިއީ އަލްގައިދާ ނުވަތަ ތާލިބާނުން ފަހަތުގައި ތިބެގެން ދީފައިވާ ހަމަލާއެކެވެ. މިދެޖަމާއަތުން ޕާކިސްތާނުގެ އެކިކަންކޮޅުތަކުގައި ދީފައިވާ އެކި ހަމަލާތަކުގައި 2007 ވަނަ އަހަރުގެ ޖުލައިމަހުން ފެށިގެން އެގައުމުގައި މިހާތަނަށް 3،300 މީހުން ވަނީ މަރުވެފަ އެވެ.