29 Jul 2017, 11:42
ބަޔާންމިއުނިކުގެ ޒުވާން މިޑްފީލްޑަރު ރެނާޓޯ ސަންޗޭސް ހޯދުމަށް ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ މަޝްވަރާކުރި ކަމަށް ބަޔާންއިން ބުނެފިއެވެ.
ބަޔާންގެ ޗީފް އެގްޒެކެޓިވް ކާލް-ހެއިންޒް ރުމެނިގާ ވިދާޅުވީ، އެ ކްލަބުގެ ޕޯޗްގީޒް މިޑްފީލްޑަރު ރެނާޓޯ ސަންޗޭސް ހޯދުމަށް، ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ އޭނާއަށް ގުޅައި، މަޝްވަރާކޮށްފައިވާ ކަމަށެވެ.
މިދިޔަ ސަމަރ ޓްރާންސްފަރގައި ބެންފިކާއިން 30 މިލިއަން ޕައުންޑުގެ ފީއަކަށް ބަޔާންއާ ގުޅުނު ސަންޗޭސްއަށް ކާލޯ އެންޗެލޮޓީގެ ޓީމުން ޖާގަ ނުލިބޭ މައްސަލައިގައި އޭނާ އެހެން ކްލަބަކަށް ބަދަލުވާން ބޭނުންވާއިރު، އެ ރޭހުގެ އެންމެ ކުރީގައި އުޅެނީ އޭސީ މިލާން ކަމަށް ރިޕޯޓުތައް ބުނެއެވެ.
ރެނާޓޯއާ ގުޅޭގޮތުން ބަޔާނާއެކު ކޮންޓޭ މަޝްވަރާކުރީ، ސިންގަޕޫރުގައި 2-3 އިން ބަޔާން އަތުން ޗެލްސީ ބަލިވި ޕްރިސީޒަން ފްރެންޑްލީ މެޗަށް ފަހުއެވެ.
އެމެޗުގައި 19 އަހަރުގެ ސަންޗޭސްގެ ފަރާތުން ފެނިގެން ދިޔަ މޮޅު ކުޅުމުގެ ސަބަބުން، ކޮންޓޭގެ ހިތް އޭނާއަށް ލެނބިގެން ދިޔަކަމަށް ރިޕޯޓުތައް ބުނެއެވެ.
ބަޔާންގެ ޗީފް އެގްޒެކެޓިވް ރުމެނިގާ ވިދާޅުވީ، ލޯނު އުސޫލުން ސަންޗޭސް ގެންދަން ޗެލްސީ ބޭނުން ނަމަ އެ ފުރުސަތު އެބައޮތްކަމަށެވެ.
"ސަންޗޭސް ހޯދުމަށް މިހާރުވެސް 10 ވަރަކަށް ކްލަބުން އެބަ ވާހަކަދައްކާ،" ގެޒެޓާ ޑެލޯ ސްޕޯޓްސްއަށް ރުމެނިގާ ވިދާޅުވިއެވެ.
"ރެނާޓޯއާ ގުޅޭގޮތުން ކޮންޓޭ މައުލޫމާތު ސާފުކުރީ، އަންގާރަ ދުވަހުގެ މެޗަށް ފަހު. ސަބަބަކީ ކޮންޓޭއަށް ގަބޫލުކުރެވުނީ، އެއީ ދަނޑުމަތީގައި ތަފާތު ދެއްކިދާނޭ ކުޅުންތެރިއެއްކަން."