މި އަހަރު މާލޭ ލީގުގެ ދެވަނައިގައި އޮވެ ލީގު ނިންމާލަން ޖެހުނު މިދިޔަ އަހަރުގެ އެފްއޭ ކަޕްގެ ޗެމްޕިއަން ވެލެންސިއާއިން ކުރިއަށް އޮތް އެފްއޭ ކަޕް ހޯދުމަށްޓަކައި ސްކޮޑް ވަރުގަދަ ކުރުމަށް އީގަލްސްގެ ތިން ކުޅުންތެރިއެއްގެ ސޮއި ހޯދައިފިއެވެ.

ވެލެންސިއާ ވަރުގަދަ ކުރުމުގެ މަސައްކަތް އެ ކްލަބުން ފަށާފައިވާއިރު އެ ޓީމް ދޫކޮށްވެސް ކުޅުންތެރިން ތަކެއް ވަނީ އެހެން ޓީމް ތަކަށް ބަދަލުވެފައެވެ.

އީގަލްސް އިން ވެލެންސިއާއަށް ދޫކުރި ތިން ކުޅުންތެރިންނަކީ ގިނަ ދުވަހު އަނިޔާގައި ހުރަމަށް ފަހު މާލޭ ލީގުގެ ވަކި ހިސާބަކުން އީގަލްސްއަށް ކުޅެން ފެށި އަހްމަދު ނާޝިދު (ނާއްޓޭ)، މުޖްތާޒް މުހައްމަދު (މުޖޭ) އަދި ސްރީލަންކާ ގައުމި ޓީމުގެ އެއް ނަންބަރު ކީޕަރު ސުޖަން އެވެ.

މި ތިން ކުޅުންތެރިންގެ ތެރެއިން، މުޖޭ ވަނީ މީގެ ކުރިންވެސް ވެލެންސިއާއަށް ކުޅެފައެވެ. ތިމަރަފުއްޓަށް އުފަން މުޖޭ އެންމެ ފުރަތަމަ އެއް ވަނަ ޑިވިޝަނުގައި ކުޅެފައިވަނީ ވެލެންސިއާއަށެވެ.

ވެލެންސިއާއިން ޓީމް ވަރުގަދަ ކުރުމަށް އަމާޒުހިފާފައިވާއިރު އެ ޓީމް ދޫކޮށް ދިޔަ މުހިންމު ކުޅުންތެރިންގެ ތެރޭގައި ކީޕަރު މުހައްމަދު ފައިސަލް ހިމެނެއެވެ. ފައިސަލް ދޫކޮށްލަން ނިންމީ އޭނާއަކީ ގައުމީ ޓީމުގެ އެއް ނަންބަރު ކީޕަރަށްވެފައި ގަވައިދުން ކުޅުމުގެ ފުރުޞަތު އޭނާއަށް ލިބިދޭން ޖެހޭތީ ކަމަށް ވެލެންސިއާއިން ވަނީ ކުރިން ވަނީ ބުނެފައެވެ.

ވެލެންސިއާއިން ދެން ދޫކޮށްލާފައިވަނީ އެ ޓީމުގެ ކެޕްޓަން އަހްމަދު ޝާފިއު އެވެ.