29 Jul 2017, 10:27
މިފަހަރުގެ ފުޓްބޯޅަ ޓްރާންސްފަރ މާކެޓްގައި ''ރަނގަޅު ޑީލެއް އަޅުވާލެވޭތޯ''ވިލާތުގެ ބޮޑެތި ކްލަބުތަކުން ދަނީ އަދިވެސް ކުޅުންތެރީންގެ ވިޔަފާރީގައި ހޭބޯނާރައި މަސައްކަތްކުރަމުންނެވެ. މީގެ ތެރޭންވެސް އެންމެ އަޑުގަދަ އެއް ކްލަބަކަށް ފްރާންސްގެ މުއްސަނދި ކްލަބު ޕީއެސްޖީ ވާނެއެވެ. ސަބަބުތަކެއް ނެތިއެއް ނޫނެވެ.
މުއްސަނދި ކްލަބުތަކުން ޗެކްފޮތްތައް ހުޅުވާލައި، ނަންހިނގާ ކުޅުންތެރީންގެ ފަހަތުން އަޅުވާލާފައިވާއިރު ޕީސްއެސްޖީން ކުރިމަތިލާފައިވަނީ އާދައިގެ ވިޔަފާރިއަކާ ނޫނެވެ. ސްޕެއިން ފުޓްބޯޅައިގެ ބޮޑު ބާރު، ބާސާގެ ހުރި އެންމެ މުހިއްމު ކުޅުންތެރިޔާ، ބްރެޒިލްގެ ފޯވާޑް ނޭމާ އަތުއަޅުވާލުމަކީ ޕީއެސްޖީގެ އެންމެ ބޮޑު އަމާޒުކަމަށް ހަދާފައި ވެއެވެ.
ބާސާއިން ވަނީ، އެ ޓީމުގެ އެންމެ މުހިއްމު ފަހުލަވާނު އެހާފަސޭހައިން ނުގެންދެވޭނޭ ކަމަށް ތަކުރާރުކޮށް ބުނެފައެވެ. އެހެން ނަމަވެސް ޕީއެސްޖީއަކީ އެހާ ފަސޭހައިން ފަހަތަށް ޖެހޭނޭ ކްލަބެއް ނޫންކަން އެ ކްލަބުން ހާމަކޮށްދިނީ، ބާސާއިން ނޭމާގެ ''ރިލީސް ކްލޯޒް''އަކަށް ޖަހާފައިވާ 222 މިލިއަންޔޫރޯ ދޭން ތައްޔާރުވުމުންނެވެ.

ބާސެލޯނާގެ ބްރެޒިލް ފޯވާޑް ނޭމާ، މިއާމީގައި އެ ޓީމުގެ ފަރިތަކުރުން ތަކުގެ ތެރޭގައި-- ފޮޓޯ: އީއެފްޕީ/ގެޓީ
ޕީއެސްޖީން ނޭމާ ގެންދަން ހިފާފައިވާއިރު، މިކަމާ ގުޅޭގޮތުން އޭނާ މާކަ ގިނަ ވާހަކަތަކެއް ދައްކާފައެއް ނުވެއެވެ. މިވީހާތަނަށްވެސް އޭނާ ބުނަމުން އައީ ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނަކީ އޭނާގެ ފުޓްބޯޅަ ކެރިއަރުގައި ވަރަށް މުހިއްމު ސީޒަނަކަށް ވެގެންދާނޭ ކަމަށެވެ.
ބާސާގެ ޕްރެޒިޑެންޓް ޖޯޒެޕް މަރިއާ ބާޓޮމެއު، ނޭމާގެ ޓްރާންސްފަރ އާ ގުޅޭގޮތުން އެންމެ ފަހުން ދެއްކި ވާހަކަތަކުން ދޭހަވާގޮތުގައި ބާސާ ދޫކޮށް ނޭމާ މިފަހަރު ދާނެއެވެ. ނޭމާވެސް ވަނީ އެފަދަ އިޝާރާތެއް ދީފައެވެ.
"ނޭމާއަކީ އަހަރެމެންގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ. އަހަރެމެން ބޭނުމެއް ނުވޭ އޭނާ ދޫކޮށްލާކަށް،" ނިއުޔޯކް ޓައިމްސްއަށް ބާޓޮމެއު ވިދާޅުވިއެވެ.
"އަހަރެމެން ބޭނުންވަނީ އޭނާ މި ކްލަބުގައި މަޑުކުރާން. އޭނާގެ ކޮންޓްރެކްޓްގައިވެސް އަދި ބާކީ ހަތަރު އަހަރު އެބައޮތް. އިތުރަށް ބުނާނެ އެއްޗެއް ނެތް.
"ދާން ބޭނުން ނަމަ އެކަން ނިންމާނީ އެ ކުޅުންތެރިއަކު އަމިއްލައަށް. އެމީހުންނަށް އެ އިހްތިޔާރު އޮންނާނެ."

ބާސެލޯނާގެ ފޯވާޑް ނޭމާ، ޓީމް މޭޓުން ކަމަށްވާ ލިއޯ މެސީ އާއި ލުއިސް ސުއަރޭޒާއެކު-- ފޮޓޯ: އީއެފްޕީ/ގެޓީ
ގޮތެއް ނިންމާނީ ކުޅުންތެރިޔާ ކަމަށް ބާޓޮމެއު ވިދާޅުވި ހިސާބުން ނޭމާ ވަނީ އޭނާގެ ހަނުހިމޭނުން ހުރުން މުގުރާލައި، މިހާރު ވާހަކަތައް ދާގޮތާމެދު "އަހަރެން މިހިރީ ވަރަށް ހިތްހަމަޖެހިފައި" ކަމަށް ބުނެފައެވެ. އެހެންނަމަވެސް ސީދާ ބާސާ ދޫކޮށްލާން ނިންމާފައިވާކަމަށް އޭނާ ނުބުނެއެވެ.
ނޭމާ ވަނީ، އިތުރު ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ބާސާއާއެކު ސޮއިކޮށްފައެވެ. އެހެންކަމުން އެއްބަސްވުމާ އެއްގޮތަށް އޭނާއަށް ބާސާ ދޫކޮށްލެވޭނީ 2021 ވަނަ އަހަރުއެވެ. އެނޫން ހާލަތެއްގައި ބާސާއިން ނޭމާ "އުފުރާލަން" ބޭނުން ނަމަ ޖެހޭނީ އެ ކްލަބުން ނޭމާގެ "ޕްރައިސް ޓެގް"ގައި އަޅުވާފައިވާ 222 މިލިއަން ޔޫރޯ ދައްކާށެވެ. މިއީ މިހާތަނަށް ދުނިޔޭގެ ފުޓްބޯޅައިގައި ވެވޭ ޓްރާންސްފަރގެ އެންމެ ބޮޑު ވިޔަފާރިއަށް ވެގެންދާނެއެވެ.
ބާސާގެ ޕްރެޒިޑެންޓް ވަނީ، އެ ކްލަބުގެ އެންމެ މުހިއްމު އެއް ފޯވާޑް، ގަދަކަމުން ގެންދާން ބޭނުންވާ ކޮންމެ ކްލަބަކުންވެސް، ޔުއެފާގެ ފައިނޭންޝަލް ފެއަރޕްލޭ ގަވާއިދުތައް މުގުރާލަން ޖެހޭނޭ ކަމަށް ވިދާޅުވެފައެވެ.
ބްރެޒިލްގެ ސަންތޯސް އިން 2013 ވަނަ އަހަރު ބާސާއާ ގުޅުނު ހުނަރުވެރި ފޯވާޑް ވަނީ، ބާސާއަށް މިހާތަނަށް 187 މެޗު ކުޅެ 100 އަށްވުރެ ގިނަ ލަނޑު ކާމިޔާބުކޮށްފައެވެ.
ރިޕޯޓުތައް ބުނާގޮތުން ޕީއެސްޖީގެ ޕްރެޒިޑެންޓް، އަދި އޮރިކްސް ގަތަރު ސްޕޯޓްސް އިންވެސްޓްމަންޓްސްގެ ޗެއާމަން ނާސިރު އަލް ޚެލައިފީ ހުންނެވީ ކޮންމެ އަގެއް ދީފައި ނަމަވެސް މިފަހަރު ނޭމާ އޭނާގެ ކްލަބުގައި ހިމެނުމުގެ ރޫހެއްގައެވެ. އަދި ފަސް އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގައި ނޭމާއާއެކު ސޮއިކުރުމަށް އެންމެ ފަހުގެ ވާހަކަތައް މިހާރު ފެށިފައިވާ ކަމަށް ރިޕޯޓުތައް ބުނާއިރު، ފައިސާއިން ކުރެވޭ ކަމެއްނަމަ، މިފަހަރު ނޭމާ ޕީއެސްޖީއާ ގުޅޭނޭކަމުގެ ފުރިހަމަ ޔަގީންކަން އެ ކްލަބަށް އެބަ އޮތެވެ.