20 Jul 2011, 16:21
ލޯކަލް ގަވަންމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް އުތުރުގެ ތިން އަތޮޅު، ހއ، ހދ، އަދި ށ. ކަނޑައަޅާ މެންބަރަކު ހޮވުމަށް ހަތަރު ވަނަ ފަހަރަށް ބޭއްވި ވޯޓުން އެއޮތޯރިޓީގެ މެންބަރަކަށް ށ. އަތޮޅު ކައުންސިލްގައި ހިމެނިވަޑައިގެންނަވާ އެމްޑީޕީގެ މެންބަރު ފިރާގު އިބްރާހިމް ހޮވިވަޑައިގެންފި އެވެ.
އޭއެލްޖީން ބުނީ ފިރާގު އެ އޮތޯރިޓީގެ މެބްބަރަކަށް ހޮވިވަޑައިގެންނެވީ މިއަދު މެންދުރުފަހު އުތުރުގެ ތިން އަތޮޅުގެ ކައުންސިލް އިދާރާގައި ވަކިވަކިން ބޭއްވި ވޯޓްލުމުގައި ބައިވެރިވެ ވަޑައިގެންނެވި 27 މެންބަރުންގެ ތެރެއިން 15 މެންބަރުންގެ ވޯޓު ލިބިވަޑައިގެން ކަމަށެވެ. ފިރާގާ ވާދަކުރެއްވި އެ ކައުންސިލްގެ ޑީއާރުޕީ ތަމްސީލް ކުރައްވާ މުހައްމަދު އާރިފަށް ލިބިވަޑައިގަތީ 12 ވޯޓެވެ.
އޭލްޖީއޭއަށް މެންބަރަކު ހޮވުމަށް އުތުރުގެ ސަރަހައްދުގައި މިހާތަނަށް ބޭއްވި ވޯޓުގައި މައްސަލަތަކެއް ޖެހި މިއަދު ހެނދުނު ވޯޓްލުން ކުރިއަށް ދަނިކޮށް މެންބަރަކު އިންތިހާބް ކުރުމުގައި އަމަލްކުރަންޖެހޭ އުސޫލުގެ މާއްދާއެއް ކުއްލިއަކަށް އުނިކޮށްފައިވާ ކަމަށް ށ. އަތޮޅު ކައުންސިލްގެ އިދާރާއިން ވަނީ ބުނެފަ އެވެ.
އެލްޖީއޭގެ ޕަބްލިކް އެޑްމިނިސްޓްރޭޓާ ޓްރޭނީ މުހައްމަދު ނަސީރު މިއަދު ވިދާޅުވީ އެ އުސޫލުގައި ބަޔާންކޮށްފައިވާ 14 ވަނަ )އުސޫލު ގެޒެޓް ކުރުމާ ބެހޭ( މާއްދާ އުވައިލުމަށް އެ އޮތޯރިޓީގެ ބޯޑުން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އިދާރީ ގޮތުން އެމަސައްކަތް ކުރި މީހަކަށް އެމާއްދާ އޭގެން އުނިކޮށްފައި ނުވާކަން އެނގުނީ ޝަކުވާއެއް ހުށަހެޅިގެން ބެލުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ވޯޓްލުން ފެށުމުގެ ކުރިން ކައުންސިލަށް އެކަން އަންގާފައިވާނެ ކަމަށްވެސް ވިދާޅުވި އެވެ.
އެލްޖީއޭ އަށް މެންބަރަކު ހޮވަން ބޭއްވި ވޯޓްގެ ދެވަނަ ބުރު ވޯޓް ކަރުދާސް ކޮޅެއްގެ މައްސަލައެއްގެ ޝަކުވާ ހުށަހެޅިގެން އެމައްސަލަ އިންތިހާބް ކުރުމަށް އެކުލަވާލި ކޮމިޓީން ބަލާފައިވާ އޭނާ ވިދާޅުވި އެވެ.
"ކުރިން ފަހަރުގެ ވޯޓްގައި ޝަކުވާއެއް ހުށަހެޅި ވޯޓް ކަރުދާސް ކޮޅެއްގެ މައްސަލަ ބެލުމަށްފަހު އެވޯޓް ކޮޅަކީ ސައްހަ ވޯޓެއް ކަމަށް ވަނީ ނިންމާފައި،" ނަސީރު ވިދާޅުވި އެވެ.
ލޯކަލް ގަވާންމެންޓް އޮތޯރިޓީގައި އަތޮޅު ކައުންސިލްތަކުން ހިމެނިވަޑައ ގެންނަވަންޖެހޭ ހަތަރު މެންބަރުން ހޮވުމަށް ރާއްޖޭގެ 18 އަތޮޅު ވަނީ ހަތަރު ބަޔަކަށް ބަހާލައިފަ އެވެ. އެލްޖީއޭގައި މިހާރު ހިމެނިވަޑައިގެންނަވާ މެންބަރުންނަކީ ހޯމް މިނިސްޓަރު ހަސަން އަފީފާއި މާލެ ސިޓީ ކައުންސިލުން އަލިމަނިކު )މައިޒާން އަލިބެ( އާއި އައްޑޫ ސިޓީ ކައުންސިލުން އަހުމަދު މިރުޒާދެވެ.