29 Jul 2017, 08:54
ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފް މަގާމުން ދުރުކުރުމާއެކު "އާ" ޕާކިސްތާނެއްގެ ބިންގާ އެޅިފައިވާ ކަމަށް ޕާކިސްތާނުގެ އިދިކޮޅު ލީޑަރު އަދި ޕާކިސްތާން ތަޙްރީކީ އިންސާފު (ޕީޓީއީ)ގެ ޗެއާމަން އިމްރާން ޚާން ވިދާޅުވެއްޖެއެވެ.
'ކޮރަޕްޝަނާ ދެކޮޅަށް ހަނގުރާމަ ކުރުމުގައި އަހަރެމެންނާއެކު ސާބިތުކަމާއެކު ތިއްބެވި އެންމެހާ ރައްޔިތުންނަށް ޝުކުރުދަންނަވަން،" ނަވާޒް ވަކިކުރިތާ ކުޑާއިރުކޮޅެއް ތެރޭ ދިން އިންޓަވިއުއެއްގައި އިމްރާން ޚާން ވިދާޅުވިއެވެ.
"މިގަމުގެ ޖުޑީޝަރީ އަދި ނަވާޒްގެ މައްސަލަ ތަހުގީގު ކުރި ޓީމުގެ މެމްބަރުންނަށް ތައުރީފް ކުރަން. އެއީ މިގައުމުގެ ހަގީގީ ބަޠަލުން،" އިމްރާން ޚާން ވިދާޅުވިއެވެ.
ޚާން އިތުރަށް ވިދާޅުވިގޮތުގައި ކޮރަޕްޝަންގައި ޝާމިލްވާ އިތުރު ފަރާތްތައް ވެސް ނިމިގެން ދާނީ ނަވާޒް ނިމިގެން ދިޔަގޮތަށެވެ. އަދި އެކި މަޝްރޫއުތަކުން ނަހަމަގޮތުގައި ހޯދާ ފައިސާ ގައުމުން ބޭރު ކުރުން ހުއްޓުވަން ޖެހިފައިވާ ކަމަށް ޚާން ވިދާޅުވިއެވެ.
ނަވާޒް ވަކިކުރުމުން އެ ކާމިޔާބީ ފާހަގަކުރުމަށް ރާވަލްޕިންޑީގައި ބޮޑު ކެއުމެއް ބާއްވާނޭ ކަމަށް އިމްރާން ޚާން ވަނީ އިއުލާން ކޮށްފައެވެ.
ބޮޑުވަޒީރު ކަމުގެ މަގާމުން ނަވާޒް ދުރުކޮށްފައި މިވަނީ، 1990ގެ އަހަރުތަކުގައި އޭނާ ޕާކިސްތާނުގެ ބޮޑުވަޒީރު ކަމުގައި ހުންނެވި އިރު، ކަޅުފައިސާ ދޮވުމުގެ މުއާމަލާތްކޮށް، ނަވާޒް ޝަރީފާއި އޭނާގެ އާއިލާއިން ޕާކިސްތާނުގެ ދައުލަތުގެ ފައިސާ ގަތަރަށް ގެންގޮސް އެފައިސާއިން ލަންޑަނުން ގެތަކެއް ގަތްކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައެވެ.