28 Jul 2017, 23:39
ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ މައިނޯރިޓީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހުގެ މައްޗަށް ޖިނާއީ ތިން ތުހުމަތެއްކޮށް ތަހުގީގު ފަށައިފި އެވެ.
އިބޫގެ މައްޗަށް ޖިނާއީ ތިން ތުހުމަތެއް ކުރެވެނީ މިމަހުގެ 24 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވަނުުމުގައި ގާނޫނާ ހިލާފު އަމަލުތަކެއް ކުރި ކަމަށް ބުނެ އެވެ.
އެގޮތުން އެދުވަހު މަގުމަތީގައި މާރާމާރީ ހިންގުމަށް މަގުފަހިވާ ގޮތަށް އަމަލުކުރި ކަމުގެ ތުހުމަތާއި ފުލުހުންގެ ސަފު ފަޅާލައި ފުލުހުންގެ ދައުރު އަދާކުރަން ދަތިކުރި ކަމުގެ ތުހުމަތާއި ހުއްދަ ނޫން ތަނަކަށް ވަތް ކަމުގެ ތުހުމަތު އިބޫގެ މައްޗަށް ކުރެ އެވެ.
މިރޭ ފުލުސް އޮފީހުން ނުކުމެ ވަޑައިގެން މީޑިއާއާ ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ އެ ތިން މައްސަލައިގެ ތުހުމަތުގައި ސުވާލު ކުރި ކަމަށާއި އެހެން ނަމަވެސް "ގާނޫނާ ހިލާފު އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށް ބުނިން" ކަމަށެވެ.
އިބޫގެ ވަކީލު ހިސާން ހުސައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް މަޖިލީހަށް ވަދެވޭނެ ކަމަށާއި އެއީ ޖިނާއީ ކުށެއް ނޫން ކަމަށެވެ. އަދި މަޖިލިސް މެމްބަރުން މަޖިލީހަށް ވަނުމަށް ހުރަސްއެޅި ފުލުހުންގެ މައްސަލަ ބަލަން ޖެހޭ ކަމަށާއި ފުލުހުން މަޖިލިސް މެމްބަރުންގެ ދައުރު އަދާކުރަން ހުރަސްއެޅި ކަމަށް ހިސާން ވިދާޅުވި އެވެ.
އިބޫގެ އިތުރުން މަޖިލީހުގެ ގިނަ މެމްބަރުންތަކެއްގެ މައްޗަށް އެ ތުހުމަތުތައް ކުރެވި ތައްހުގީގު ވަނީ ފަށައިފަ އެވެ.