ސްރީލަންކާގެ ފޮރިން މިނިސްޓަރު ރަވީ ކަރުނާނަޔަކައަށް ދައުލަތުގެ ޚަރަދުގައި ގެދޮރު ހަމަޖައްސައިދިނުމަށް ސްރީލަންކާގެ ރައީސް މައިތުރިޕާލަ ސިރިސޭނާ ދެކޮޅު ހައްދަވައިފިއެވެ.

ލަންކާގެ މީޑިއާތައް ރިޕޯޓު ކުރާ ގޮތުގައި، މިދިޔަ ހަފްތާގައި ފޮރިން މިނިސްޓަރު ރަވީ ކަރުނާނަޔަކަ ވަނީ، ލަންކާގެ ރައީސަށް ތިން ހުށަހެޅުމެއް ހުށަހަޅުއްވައިފައެވެ.

އޭގެ ތެރޭގައި އެންމެ ބޮޑު ކަމަކަށް އޮތީ ސްރީލަންކާއަށް ޒިޔާރަތްކުރާ ބޭރުގެ އިއްޒަތްތެރީން ހުރުމަށް އެގައުމުގެ ދައުލަތުން ހަމަޖައްސައިދޭ އެކޮމޮޑޭޝަން، ކޮލޮމްބޯގެ ޔޫނިއަން ޕްލޭސްގައި ހުންނަ "ވިސުމްޕާޔަ" ނަމަކަށް ކިޔާ ގެ، ފޮރިން މިނިސްޓަރުގެ ރަސްމީ ގޭގެ ގޮތުގައި ހަމަޖައްސައިދިނުމެވެ.

ރަސްމީ ގެއެއްގެ ގޮތުގައި ވިސުމްޕާޔަ ބޭނުންކުރެއްވި ލަންކާގެ ސިޔާސީ ބޭފުޅުންގެ ތެރޭގައި، ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ކުރީގެ ރައީސް، އަދި އެގައުމުގެ ކުރީގެ ރައީސާ ޗަންދްރިކާ ބަންޑާރަނަޔަކަ ކުމާރަތުންގަގެ ބޭބެ އަނޫރަ ބަންޑާރަނަޔަކައާއި، ލަންކާގެ ކުރީގެ ބޮޑުވަޒީރު ޑީއެމް ޖަޔަރަތުނަ ހިމެނެއެވެ.

ދައުލަތުގެ މި ގެ، ފޮރިން މިނިސްޓަރުގެ ރަސްމީ ގޭގެ ގޮތުގައި ހަމަޖައްސައިދިނުމަށް އެދި ރައީސް ސިރިސޭނާއަށް ހުށަހެޅުއްވި ހުށަހެޅުން އެމަނިކުފާނު ބަލައިގެންފައެއް ނުވެއެވެ.

ރައީސް ސިރިސޭނާ ފާހަގަކުރެއްވި ގޮތުގައި، ލަންކާގެ ސިޔާސީ ބޭފުޅުން ދައުލަތުގެ ގެދޮރުގައި ދިރިއުޅުއްވަނީ އެބޭފުޅުން ސިޔާސީ ހަރަކާތްތަކުން ރިޓަޔަރ ކުރެއްވުމަށްފަހުއެވެ.

ރައީސް ސިރިސޭނާ މިހެން ވިދާޅުވުމުން، ކެބިނެޓުގެ އެހެން މިނިސްޓަރަކު ވަނީ، މިނިސްޓަރު ރަވީ ކަރުނާނަޔަކަ ސިޔާސީ މައިދާނުން އެހާ އަވަހަށް ދުރަށް ޖެހިވަޑައިގަތުމަށް ބޭނުން ނުވާކަމަށް ވިދާޅުވެ، ޚިޔާލު ފާޅުކުރައްވައިފައެވެ.

މިކަމުގެ އިތުރުން ފޮރިން މިނިސްޓަރު ރަވީ ކަރުނާނަޔަކަ ވަނީ، އޭނާއަށް ޗީފް އޮފް ސްޓާފެއް އައްޔަނުކުރުމުގެ ހުއްދައަށްވެސް ރައީސް ސިރިސޭނާގެ ކިބައިން އެދިވަޑައިގެންފައެވެ. މިކަމަށްވެސް އެމަނިކުފާނު ވަނީ ދެކޮޅު ހައްދަވައިފައެވެ.

"މި މަގާމަކީ ރައީސް ނުވަތަ ބޮޑުވަޒީރުންނަށް އައްޔަނުކުރާ މަގާމެއް. ތިބޭފުޅާއަށް މިމަގާމަށް މީހަކު އައްޔަނުކުރަން ދީފި ނަމަ، އެހެން މިނިސްޓަރުންނަށްވެސް އެފުރުސަތު ދޭންޖެހޭނެ ނޫންތޯ،" ކެބިނެޓު ބައްދަލުވުމެއްގައި ރައީސް ސިރިސޭނާ، ފޮރިން މިނިސްޓަރު ރަވީއަށް ވިދާޅުވި ކަމަށް ޑެއިލީމިރަރ ނޫހުން ރިޕޯޓު ކުރެއެވެ.

ރަވީ ކަރުނާނަޔަކައަކީ ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ އެންމެ އަރިސް އެއް ބޭފުޅާއެވެ. ރައީސް މައިތުރިޕާލަ ސިރިސޭނާގެ ސަރުކާރު ވެރިކަމަށް އައީއްސުރެ ފިނޭންސް މިނިސްޓަރުކަމުގައި ހުންނެވި ރަވީ ކަރުނާނަޔަކަ، އެމަގާމުން ވަކިކޮށް، ލަންކާގެ ފޮރިން މިނިސްޓަރުކަމަށް އައްޔަނުކުރީ އަދި ފޮރިން މިނިސްޓަރުގެ މަގާމުގައި ހުންނެވި މަންގަލަ ސަމަވީރަ ފިނޭންސް މިނިސްޓަރުކަމަށް ރައީސް ސިރިސޭނާ އައްޔަނުކުރެއްވިއެވެ. މިނިސްޓަރު ސަމަރަވީރައަކީވެސް ބޮޑުވަޒީރު ވިކްރަމަސިންހަގެ ވަރަށް އަރިސް ބޭފުޅެކެވެ.