ކޯޓު އަމުރެއްގެ ދަށުން ފުލުހުން ޖުމްހޫރީ ޕާޓީގެ އިދާރާ މ. ކުނޫޒް ބަލާ ފާސްކުރުމަށް ފަހު ދެވަނަ ފަހަރަށް ވަންނަން އައުމުން އެ ތަން ހުޅުވައި ނުދިން ކަމަށް ބުނެ ފުލުހުންގެ ދައުރަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނަރަލް އަހުމަދު ސަމީރުގެ ބަޔާނެއް ނަގައިފިއެވެ.

ސަރުކާރު ވައްޓާލަން ރާވާކަމުގެ ތުހުމަތުގައި ޖުމްހޫރީ ޕާޓީގެ މައި އިދާރާ ބަލައި ފާސްކުރުމަށް ކޯޓުން ވަނީ މިދިޔަ އަންގާރަ ދުވަހު 72 ގަޑިއިރުގެ މުއްދަތެއް ދީފައެވެ. އަދި ހަމަ އެރޭ ފުލުހުން ވަނީ އެތަން ބަލައި ފާސްކޮށް މައްސަލައާ ގުޅޭ އެއްވެސް އެއްޗެއް ނުފެންނަ ކަމަށް ލިޔުން ދީފައެވެ.

ނަމަވެސް އޭގެފަހުން ވެސް ފުލުހުން ދިޔައީ ކުނޫޒް ފާސްކޮށް ނުނިމޭ ކަމަށް ބުނެ އެތަން ބަލަހައްޓަމުންނެވެ. ސަބަބެއްގެ ގޮތުގައި ފުލުހުން އޭރު ބުނެފައިވަނީ ކޯޓު އަމުރުގައި އެތަން ފާސްކުރަން 72 ގަޑިއިރުގެ މުއްދަތެއް ދީފައި އޮތުމެވެ.

ފުލުހުން ދެވަނަ ފަހަރަށް ކުނޫޒަށް ވަންނަން ދިޔުމުން އެތަން ހުޅުވައިދިނުމަށް ދެކޮޅު ހެއްދެވި ކަމުގެ ތުހުމަތުގައި މިއަދު ހަވީރު ސަމީރު ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކޮށް ބަޔާނެއް ނަގާފައެވެ.

"ފުލުހުން ދެވަނަ ފަހަރަށް ވަންނަން އައުމުން އަޅުގަނޑު ދެންނެވިން ކޯޓު އަމުރެއް ހިފައިފެން ވަޑައިގަތުމުން ވަދެވޭނެއޭ. އޭރުގެނައި އަމުރުގެ ދަށުން އެތަން ބަލައި ފާސްކޮށް އެއްޗެއް ނުފެންނަ ކަމުގެ ލިއުން ދީފައޭ ވާނީ އެހެންވީމަ އެ އައުމުރު ސައްހަ ކަމަކަށް ގަބޫލެއް ނުކުރަމޭ،" ސަމީރު ވިދާޅުވިއެވެ.

ސަމީރު ވިދާޅުވީ ކޯޓު އަމުރެއްގެ ދަށުން ފުލުހުން ތަނަކަށް އެއްފަހަރަށް ވުރެ ގިނައިން ވަންނަން ބޭނުންވާ ނަމަ އެކަން ބަޔާންކޮށްފައި އޮންނަންވާނެ ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ލިޔެފައި އޮންނަ ކަމަށެވެ.

ފުލުހުންގެ ބެލެމުގެ ދަށުން މިރޭ ކުނޫޒް ދޫކޮށްލިއިރު އެތަނުން އެއްޗެސް އެއްޗެއް ނުގެންދާ ކަމަށް ސަމީރު ވިދާޅުވިއެވެ.