ރައްޔިތުންގެ މަޖިލީހުގެ ވިލިގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން އާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު އަހުމަދު މަނިކުގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިފި އެވެ.

އަމީތު އާއި ސައުދު ހައްޔަރުކޮށްފައި ވަނީ މަޖިލީހުގެ މެމްބަރުން ނޫން ކަމަށް ކަނޑައަޅާފައި ވަނިކޮށް މަޖިލީހުގެ އިދާރާއަށް ވަތް ކަމަށް ތުހުމަތުކޮށްފަ އެވެ.

ވަކިވަކިން މިރޭ ބޭއްވި މުއްދަތު މަޖިލީހުގައި އަމީތު އާއި ސައުދުގެ ބަންދަށް ވަނީ 15 ދުވަސް ޖަހާފަ އެވެ. އަމީތު ހައްޔަރުކޮށްފައިވަނީ ރޭގެ ވަގުތެއްގަ އެވެ. ސައުދު ހައްޔަރުކޮށްފައިވަނީ ގެއްލިގެން ހޯދާ މީހެއްގެ ގޮތުގައި ސައުދުގެ ފޮޓޯ އާންމު ކުރުމުން ސައުދު މިއަދު ފުލުސް އޮފީހަށް ހާޒިރުވުމުންނެވެ.

ބަންދުގެ މުއްދަތު ޖަހަން ދެމީހުންވެސް ކޯޓަށް ހާޒިރު ކުރީ މިއަދު ހަވީރު ފަހެއްޖަހާ އެހާއިރު އެވެ. ބަންދުގެ މުއްދަތު ޖަހާ ނިމުނީ މިރޭ ނުވައެއް ޖެހި ފަހުންނެވެ.

ސައުދާއި އަމީތުގެ އިތުރުން ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމްވެސް ހަމަ އެ ތުހުމަތުގައި ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން މެމްބަރުން ނޫން ކަމަށް ކަނޑައެޅި މެމްބަރުން ވަނީ އެބޭފުޅުންގެ މެމްބަރު ކަމުގެ ގޮނޑު ނުގެއްލޭ ކަމަށް ކަނޑައަޅައި ދިނުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފަ އެވެ. އެމައްސަލަ ސުޕްރީމް ކޯޓުން ވަނީ ބަލައިގެންފަ އެވެ.