20 Jul 2011, 16:17
ދިވެހި ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިގެންފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ބިލު މަޖިލީހަށް ބަލައިގެންފައި ވަނީ އެ ވަގުތު ޖަލްސާގައި ތިއްބެވި 69 މެންބަރުންގެ ތެރެއިން 44 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ބިލު ބަލައިގަންނަން ނުފެންނަ ކަމަށް 17 މެންބަރުން ވޯޓު ދެއްވި އެވެ. ބިލު ބަލައި ގަތުމުން ޖަލްސާގެ ރިޔާސަތުން ބިލު އިތުރަށް ދިރާސާ ކުރުމަށް ގައުމީ ތަރައްގީގެ ކޮމިޓީއަށް ފޮނުއްވަން ނިންމެވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މި ބިލުގެ ބަހުސް ކުރިއަށް ދިޔައިރު އެމްޑީޕީގެ ބައެއް މެންބަރުން ވަނީ ބިލް ބަލައި ނުގަތުމަށާއި ބިލް އަނބުރާ ގެންދެވުމަށް ގޮވައި ލައްވައިފަ އެވެ. ނަމަވެސް ބައެއް މެންބަރުން ވަނީ އެ ބިލަކީ މުހިންމު ބިލެއް ކަމަށާއި އެ ބިލަށް ވޯޓު ދެއްވާނެކަމަށް ވިދާޅުވެފަ އެވެ.
އެ ބިލުގައި ވާގޮތުން ބިލު ފާސްވެއްޖެނަމަ ކުރީގެ މައުހަދުއް ދިރާސާތުލްއިސްލާމިއްޔާ އަދި މިހާރުގެ ކުއްލިއްޔަތުލް ދިރާސާތިލް އިސްލާމިއްޔާ ރާއްޖޭގެ ފުރަތަމަ އިސްލާމީ ޔުނިވާސިޓީއަށް ބަދަލުވެގެންދާނެ އެވެ.
މި ބިލު މަޖިލީހަށް ހުށަހަޅުއްވަމުން ޑރ.އަފްރާޝީމް ވިދާޅުވީ، މަގުސަދަކީ ރާއްޖޭގެ އިސްލާމިއްޔަތާއި ގައުމިއްޔަތާއި އެއްބައިވަންތަ ކަމާއި އެއްބައެއް ވަންތަކަމުގެ ދީނީ ގައުމީ ގިއުގަނޑުގެ ތެރޭގައި ރާއްޖޭގެ އިސްލާމީ ތައުލީމާއި ސަގާފަތު ރައްކާތެރިކޮށް ދެމެހެއްޓުމާއި ގައުމުގެ ތަރައްގީއާއި ހޭލުންތެރިކަމަށް ބޭނުންވާ ތައުލީމާއި ތަމްރީން ލިބިފައިވާ ޒިންމާދާރު ބަޔަކު އުފެއްދުން ކަމަށެވެ.