ޔަމަނުގެ ހޫތީ ހަނގުރާމަވެރިން މައްކާއަށް އަމާޒުކޮށްގެން ފޮނުވާލި މިސައިލެއް، ސައޫދީ އަރަބިއާގެ އަސްކަރިއްޔާއިން ގޮއްވާލައިފިއެވެ.

ސައޫދީގެ ތާއިފްގައި ގާއިމުކޮށްފައިވާ އެގައުމުގެ ވައިގެ ދިފާއީ ބޭސް އިން ހާމަކުރިގޮތުގައި ޔަމަނުގައި ހަރަކާތްތެރިވާ ހޫތީ ޖަމާއަތުން ފޮނުވާލި މެދުރާސްތާ މިސައިލެއްވަނީ އެފަރާތްތަކުން ވައިގެ ތެރޭގައި ގޮއްވާލާފައެވެ.

މިހާދިސާއާ ގުޅިގެން ހޫތީ ޖަމާއަތުން އަދި މިކަމުގެ ޒިންމާ ނަގާފައެއް ނުވެއެވެ.

ނަމަވެސް އެޖަމާއަތުން ހިންގާ މީޑިއާއިން ވަނީ، ބޯރްކަން-1 (ވޮލްކެނޯ-1)ގެ މެދުރާސްތާ މިސައިލުތަކެއް ސައޫދީގެ ކިންގް ފަހުދު އެއާ ބޭހަށް އަމާޒުކޮށްގެން ފޮނުވާފައިވާ ކަމަށާއި އަދި ކާމިޔާބުކަމާއެކު މިހަމަލާ ދެވުނު ކަމަށް ބުނެފައެވެ.