28 Jul 2017, 12:24
ފުލުހުންނަށް ފިލައިގެންދާނެ ތަނެއް ނޯންނާނެ ކަމަށާއި ހުރިތަން ފުލުހުންނަށް އަންގާފައިވާ ކަމަށް ވިލިގިނލީ ދާއިރާގެ މެންބަރު ސައުދު ހުސައިން ވިދާޅުވެއްޖެއެވެ.
ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ވިލިގިނލީ ދާއިރާގެ މެންބަރު ސައުދު ހުސައިން ހޯދުމަށް ފުލުހުންވަނީ އިއްޔެ އެނާގެ ފޮޓޯ، ވަނަވަރާ އެކު އާންމުކޮށްފައެވެ.
އެކަމާ ގުޅޭ ގޮތުން ސައުދު މިއަދު ސަން އަށް ވިދާޅުވީ އޭނާ ހޯދުމަށް ފުލުހުން އިއުލާންކުރީ ކީއްވެގެން ކަން ނޭނގޭ ކަމަށާއި ފުލުހުންނަށް ފިލައިގެން ދާނެ ތަނެއް ނޯންނާނެ ކަމަށެވެ. އަދި ވިދާޅުވީ އޭނާ ހުރިތަން ގާނޫނީ ވަކީލުން މެދުވެރިކޮށް އިއްޔެ ފުލުހުންނަށް އަންގާފައިވާ ކަަމަށެވެ.
ސައުދު ވިދާޅުވީ ފުލުހުން އޭނާ ހޯދަން އިއުލާން ކުރި ފަހުން އޭނާ ދިރިއުޅޭ ގެއަށް ގޮސްފައިވާކަމަށާއި ނަމަވެސް އެވަގު އޭނާ ހުންނެވީ ގެއިން ބޭރުގައި ކަމަށެވެ.
ސައުދު އިތުރަށް ވިދާޅުވީ އެންމެ ފަހުން ފުލުހުން އޭނާ ހައްޔަރު ކުރި ރޭ އޭނާގެ ފަރާތުން ވާހަކަ ދައްކާނެ ވަކީލުގެ މައުލޫމާތާއި ގުޅޭނެ ނަންބަރު އަދި އާއިލާއިން އޭނާއާ ބެހޭ މައުލޫމާތު ފޯރުކޮށްދޭނެ މީހުންގެ މައުލޫމާތުވެސް ހިއްސާކޮށްފައިވާކަމަށެވެ.
ސައުދު ހޯދަން އިއުލާންކުރި ފަހުން އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާކަން ނުވަތަ ނޫންކަންވެސް ފުލުހުން ހާމަކޮށްފައެއްނުވެއެވެ. އަދި އެ މައުލޫމާތު ހޯދުމަށް ސަން އިން މަސައްކަތް ކުރި ނަމަވެސް އަދި ވަނީ އެކަން ކާމިޔާބު ވާގޮތް ނުވެފައެވެ.
ސައުދު ހޯދުމަށް ފުލުހުން ރޭ ފޮޓޯ އާންމުކޮށްފައިވާއިރު މިދިޔަ އަންގާރު ދުވަހު ކޯޓު އަމުރެއްގެ ދަށުން އޭނާ ވަނީ ހައްޔަރުކޮށްފައެވެ. ނަމަވެސް ސައުދު ހައްޔަރުކުރިތާ މާ ގިނަ އިރުތަކެއް ނުވެ ފުލުހުން ވަނީ އޭނާ ދޫކޮށްލާފައެވެ.
ފުލުހުން އެ ރޭ ސައުދު ދޫކޮށްލީ ކޯޓު އަމުރުގައި ހިމެނެން ޖެހޭ އިޖުރާއަތު ފުރިހަމަ ނުވުމުގެ ސަބަބުންނެވެ.
އެ އަމުރުގައިވާ ގޮތުން ސައުދު ހައްޔަރުކުރީ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ ސަބަބުން މުޖުތަމައުއަށް ނުރައްކަލެއް ކުރިމަތިވާތީ އެވެ. ފުލުހުން ރޭ ވަނީ ކޯޓު އަމުރެއްގެ ދަށުން އަމީތު ވެސް ހައްޔަރުކޮށްފައެވެ.
ސައުދު ހޯދުމަށް މަސަތްކަތް ކުރަނީ އިދިކޮޅު މަޖިލިސް މެންބަރުން ފުލުހުންގެ ސަފު ފޫއަޅުވާލައި މަޖިލީހުގެ ގޯތިތެރެއަށް ވަން މައްސަލައިގައެވެ.
އެ މައްސަލައިގައި ބައެއް މެންބަރުން ފުލުހަށް ހާޒިރުކޮށްފައިވާއިރު އަމީތުގެ އިތުރުން ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ވަހީދު (ލޯޔަރު ވައްޑޭ) ވެސް ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.