28 Jul 2017, 11:15
މާލޭގެ ކެފޭއެއްގެ ތެރޭގައި މީހަކަށް ރޭ ވަޅިން ހަމަލާދީ ޒަހަމްކޮށްލި މައްސަލައިގައި އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައިނުވާކަމަށް ފުލުހުން ބުނެފިއެވެ.
މާރާމާރީގައި ޒަހަމްވީ ހއ. ތަކަންދޫ، އިބްރާހިމީ ހިޔާ، ނަދީމު އަބްދުއްރަހީމް (ނަޑޭ)، 23، އެވެ. އޭނާގެ ހާލު ސީރިއަސްވެ، އޭޑީކޭ އައިސީޔޫގައި ދަނީ ފަރުވާދެމުންނެވެ.
މަންޒަރު ދުށް މީހަކު "ސަން"އަށް ބުނީ އެ މާރާމާރީ ހިންގީ މޫނު ނިވާކޮށްގެން ތިބި ހަތަރު މީހަކު ކެފޭއަށް ވަދެ ކަމަށާއި ވަޅި ހެރީ ނަދީމުގެ ބޮލަށް ކަމަށެވެ.
މި މައްސަލައާ ގުޅޭ ގޮތުން ސަން އަށް މައުލޫމާތު ދެމުން ފުލުހުންގެ މީޑީޔާ އޮފިސަރު ވިދާޅުވީ އެ މާރާމާރީއާ ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށާއި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
އޮފިސަރު އިތުރަށް ވިދާޅުވީ ރޭ ޒަހަމްވި ޒުވާނާއަށް އަދިވެސް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން ދާކަމަށާއި އޭނާގެ ހާލު ސީރިއަސް ކަމަށެވެ.
ފަހަކަށް އައިސް މާލޭގައި ވަނީ ސިލްސިލާ މާރާމާރީތައް އިތުރުވެފައެވެ. އެގޮތުން މިދިޔަ އަންގާރަ ދުވަހު ވެސް ވަނީ މާލޭގެ ދެ ސަރަހައްދެއްގައި މާރާމާރީ ހިންގައި ތިން މީހަކު ޒަހަމްކޮށްލައިފައެވެ.