28 Jul 2017, 10:13
ސާފް ޗެމްޕިއަންޝިޕް 2008ގައި ރާއްޖެއަށް ރަން ލަނޑު ކާމިޔާބުކޮށްދިން މުހުތާރު ނަސީރު (ޓޫކިލޯ)އާއެކު ކްލަބު ގްރީން ސްޓްރީޓްސްއާ މުހިންމު ކުޅުންތެރިންތަކެއް ގުޅިއްޖެއެވެ.
މާލޭ ލީގުގެ ދެވަނަ ހޯދައި، ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރުމަށް ތައްޔާރުވަމުންދާ ގްރީންއާ ޓޫކިލޯ ގުޅުނުކަން އެ ކްލަބުގެ ރައީސް އަހްމަދު ޝަޒީން ވަނީ 'ސަން ސްޕޯޓްސް'އަށް ކަށަވަރުކޮށްދީފައެވެ.
ރާއްޖެއިން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ތަށި ހޯދިއިރު، ޓޫކިލޯ ފާހަގަކޮށްލެވުނީ ގައުމީ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިންގެ ތެރޭގައެވެ. އެ މުބާރާތުގެ ފައިނަލުގައި އިންޑިއާ ކޮޅަށް ލަނޑު ޖެހި ކުޅުންތެރިޔަކީ ވެސް ޓޫކިލޯއެވެ.
ޓޫކިލޯ އެންމެ ފާހަގަކޮށްލެވިގެން ދިޔައީ ކްލަބު ވެލެންސިއާއިންނެވެ. ވެލެންސިއާގެ އިތުރުން ޓޫކިލޯ ވަނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ވިކްޓަރީ ސްޕޯޓްސް ކްލަބު އަދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށް ވެސް ކުޅެފައެވެ. ނިއުއަށް 2014 ވަނަ އަހަރު ކުޅުމަށްފަހު އޭނާ ފެނިގެންދިޔައީ މިނިވަން ޗެމްޕިއަންޝިޕުންނެވެ.
ޓޫކިލޯގެ އިތުރުން ގްރީނުން ވަނީ ވެލެންސިއާގެ ކެޕްޓަން އަދި ގައުމީ ޓީމުގައި މުހިންމު ދައުރެއް އަދާކުރަމުންދާ ޑިފެންޑަރު ޝާފިއު އަހްމަދާއި ކުރިން ނިއުއިން ފާހަގަކޮށްލެވުނު ބިދޭސީ މިޑްފީލްޑަރު ވިލިއަމް މެކޯއާއި ޔުނައިޓެޑް ވިކްޓަރީގެ މުހައްމަދު ނަޒާމްގެ ސޮއި ވެސް ހޯދައިފައެވެ.
ދިވެހި ޕްރިމިއާ ލީގުގައި ގްރީންގެ އިތުރުން ދެން ވާދަކުރާނީ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާއާއި ނިއު ރޭޑިއަންޓާއި ޓީސީ ސްޕޯޓްސް ކްލަބާއި މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަން ދ. ކުޑަހުވަދުއާއި ގދ. ތިނަދުއާއި އއ. މާޅޮސް އަދި ށ. މިލަންދޫއެވެ.