ފާއިތުވެދިޔަ ދެ މަހު މާލެ އާއި އަތޮޅުތަކުގައި ހަލުއިކޮށް ފެތުރުނު ޑެންގީ ހުން މިހާރު ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ސެންޓަ ފޯ ކޮމިއުނިޓީ ހެލްތް އެންޑް ޑިޒީޒް ކޮންޓްރޯލް )ސީސީއެޗްޑީސީ( އިން ބުނެފި އެވެ. ސެންޓަރުން މިހެން ބުނެފައިވާއިރު ޑެންގީ ހުމުގައި އިއްޔެވެސް ވަނީ ބިދޭސީއަކު މަރުވެފަ އެވެ.

އެ ސެންޓަރުން އިއްޔެ އާންމު ކުރި ނޫސްބަޔާނުގައި، މިމަހުގެ ތިން ވަނަ ދުވަހުން ފެށިގެން ނުވަ ވަނަ ދުވަހާ ހަމައަށް ޑެންގީ ހުން ޖެހިގެން 251 ކޭސް ރިޕޯޓް ކުރިއިރު ޖުލައި 10 އިން 16 އަށް ރިޕޯޓް ކޮށްފައިވަނީ 123 ކޭސް ކަމަށް ބުނެފައި ވެއެވެ.

ސީސީއެޗްޑީސީން ބުނީ މިހާރު ޑެންގީގެ ފެންނަމުން ދަނީ ހަތް އަތޮޅަކުން ކަމަށާއި އެއީ އއ، އާއި އދ އާއި ތ. އަތޮޅާއި، ހދ. އަތޮޅާއި، ހއ. އާއި އަދި ގއ، ގދ އަތޮޅެވެ. ދެން ހިނެނެނީ މާލެ ކަމަށެވެ. ޑެންގީ ހުން ޖެހިގެން މުޅިން އަލަށް ރިޕޯޓް ކޮށްފައިވާ ރަށަކީ ށ. ނޫމަރާ އެވެ.

ސަންއަށް ލިބިފައިވާ ޑެންގީ ފެކްޓް ޝީޓްން ދައްކާ ގޮތުގައި މިދިޔަ އަހަރު 26 ޑިސެމްބަރު އިން މިއަހަރު 18 ޖުލައި އަށް 2047 މީހަކަށް ޑެންގީ ޖެހި 10 މީހަކު މަރުވި އެވެ. އަދި މިދިއަ ޖޫން އިން މި މަހުގެ 18 އަށް 940 ކޭސް ރިޕޯޓް ކުރެވިފައިވާ އިރު އޭގެ ތެރެއިން 44 ކޭސް ރިޕޯޓް ކޮށްފައިވަނީ އަތޮޅުތަކުގެ ރަށްރަށުންނާއި ރިސޯޓް ތަކުން ނެވެ.