28 Jul 2017, 01:13
މަޖިލިސް އިދާރާ ސަރަހައްދުގެ ބަންދުކޮށްފައި ވަނިކޮށް ފުލުހުންގެ ސަފު ފޫއަޅުވާލައި، މިދިޔަ ހޯމަ ދުވަހު މަޖިލީހަށް ވަތް ރައްޔިތުން މަޖިލީހުގެ ހުރިހާ މެމްބަރުންގެ މައްސަލަ ފުލުހުން ބަލާނެ ކަމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ.
ފުލުހުންގެ ސަފު ފޫއަޅުވާލިކަމުގެ ތުހުމަތުގައި ފުލުހަށް ހާޒިރުވުމަށްފަހު، ޝަހީދު ހުސައިން އާދަމް ބިލްޑިންއިން ނުކުމެވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރިޔާޒު ވިދާޅުވީ މިދިޔަ ހޯމަ ދުވަހު މަޖިލީހަށް ދިއުމަށް މ. ކުނޫޒުން ނުކުމެ ހިނގައިގަތުމާއެކު، އެ ސަރަހައްދުގައި ފުލުހުންގެ ސަފެއް ދެމި ކަމަށާއި ނަމަވެސް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެ ސަފު ރޫޅާލި ކަމަށެވެ.
މަޖިލީހަށް މެމްބަރުން ވަޑައިގަންނަވާ ސަބަބު ފުލުުހުންނަށް އޮޅުން ފިލުވައި ދިނުމުން، ދަމާފައި އޮތް ސަފު އަމިއްލައަށް ރޫޅާލައި ޖާގަ ދެއްވީ އޮޅުން ފިލުވައިދިނުމުން އެކަން ގަބޫލު ކުރައްވައިގެން ކަމަށް ރިޔާޒު ވިދާޅުވި އެވެ.
ނަމަވެސް މަޖިލީހަށް މެމްބަރުން ވަޑައިގަންނަވަނިކޮށް، މަޖިލިސް ކައިރީގައި ކުއްލި ގޮތަށްކަށް ދެތިން ފުލުހަކު ނުކުމެ ދެމި ސަފު މެމްބަރުން ވަނީ ފޫއަޅޫވާލާފަ އެވެ. އެކަމާ ގުޅޭ ގޮތުން ރިޔާޒު ވިދާޅުވީ މެމްބަރުންގެ ވާޖިބަށް ފުލުހުންނަށް ހުރަސް އެޅޭނެ ކަމަށް ގަބޫލުފުޅު ނުރައްވާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި، އިދިކޮޅު މަޖިލިސް މެމްބަރުން ފުލުހަށް ހާޒިރު ކުރަނީ، ސަރުކާރު ޒިންމާދާރު ކުރުމަށްކުރާ މަސައްކަތް ކުރިޔަނުދީ، މަޖިލިސް ހުއްޓުވާފައި ބާއްވަން ކަމަށެވެ.
"ރައީސް ޔާމީނަށް އެނގޭނެ މަޖިލިސް ފެށޭއިރަށް ރައްޔިތުން ތުހުމަތު ކުރާ ބޮޑެތި މައްސަލަތައް ބެލޭނެކަން. އަދި އިދިކޮޅު ފަޅީގައި ޕްރޮފެޝަނަލް މޮޅެތި މަޖިލިސް މެމްބަރުން މިފަދަ ކަންކަން ތަހުގީގު ކުރެވޭނެ ފެންވަރުގެ މީހުން ތިއްބެވިކަން އެނގޭނެ،" ރިޔާޒު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ފުލުހުންގެ ސަފު ފަޅާލާފައި މަޖިލިސްގެ ގޯތިތެރެއަށް ވަތް ހުރިހާ މެމްބަރުން ފުލުހަށް ހާޒިރު ކުރާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި ފުލުހުންގެ މުއައްސަސާއިން ސިޔާސީ ބޭފުޅުންނަށް އެއްބާރުލުން ދެއްވާތީ ދެރަވާ ކަމަށެވެ.
"މައުލޫމާތު ލިބެނީ. ދެތިން ހަތަރު އެމްޕީންނެއް ނޫން. އެ ދުވަހު މަޖިލީހަށް ވަތް ހުރިހާ މެމްބަރުންގެ މައްސަލައެއް ފުލުހުން މިހާރު ތަހުގީގު ކުރަނީ،" ރިޔާޒު ވިދާޅުވިއެވެ.
މެމްބަރު ރިޔާޒު އެހެން ވިދާޅުވެފައިވާއިރު، މިދިޔަ ހޯމަ ދުވަހު ހިނގި މައްސަލާގައި މިހާތަނަށް ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) ވަނީ ހައްޔަރު ކޮށްފައެވެ.
އަދި އެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން ހައްޔަރުކޮށް ފަހުން ވަނީ ދޫކޮށްލާފައެވެ. އޭނާ ދޫކޮށްލީ ކޯޓު އަމުރުގައި ހިމެނެން ޖެހޭ އިޖުރާއަތުގައި ފުރިހަމަ ނުވުމުގެ ސަބަބުންނެވެ.
އޭގެ އިތުރުން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސާލިހު (އިބޫ) އާއި މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު ވެސް ވަނީ އެ މައްސަލާގައި ފުލުހަށް ހާޒިރުކޮށްފައެވެ.