27 Jul 2017, 23:05
ދުބާއި (ޖުލައި 27) : ސައޫދީ ވަލީއުލްއަހްދު ކަމުގެ މަގާމާއި ދާޚިލީ ވަޒީރުކަމުގެ މަގާމުން ދުރުކޮށްފައިވާ މުހައްމަދު ބިން ނާޔިފަށް ވީގޮތެއް ސާފުކޮށް ދިނުމަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން ސައޫދީ ސަރުކާރަށް ގޮވާލައިފިއެވެ.
އެމްނެސްޓީގެ މެދުއިރުމައްޗާބެހޭ ޑިޕާޓްމަންޓްގެ ވެރިޔާ ސާރާ ލިޔާ ވިޓްސަން، ސައޫދީ ޚާރިޖީ ވަޒީރު އާދިލް އަލްޖުބައިރު އަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ އެއްވެސް ޝަރީޢަތަކާ ނުލައި ސައޫދީ ސަރުކާރުން މުހައްމަދު ބިން ނާޔިފް ގޭގައި ބަންދުކޮށް އޭނާ ގައުމުން ބޭރަށް ފުރާވަޑައިގަތުން މަނާކޮށްފައިވާ ކަމުގެ މައުލޫމާތު ވަރަށް އިތުބާރުހުރި ގޮތެއްގައި ލިބިފައިވާ ކަމަށާއި އެހެންކަމުން ސައޫދީ ސަރުކާރުން އެކަން އެޖަމްއިޢްޔާއަށް ސާފުކޮށްދޭން ޖެހޭނެކަމުގައެވެ.
ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ދާދިފަހުން ވަނީ އެ ގައުމުގެ ވަލީއުލްއަހްދު މުހައްމަދު ބިން ނާއިފް ކުއްލި ގޮތަކަށް މަގާމުން ދުރުކޮށް އެ މަގާމަށް ރަސްގެފާނުގެ ދަރިކަލުން މުހައްމަދު ބިން ސަލްމާން އިސްކުރައްވާފަ އެވެ. މިއާއެކު މަގާމުން ދުރުކުރެވުނު މުހައްމަދު ބިން ނާއިފް ގޭބަންދުގައި ބަހައްޓާފައިވާ ކަމުގެ ޚަބަރުތަކެއް ފެތުރުނު ނަމަވެސް ސައޫދީ ސަރުކާރުން ވަނީ އެކަން ދޮގުކޮށްފައެވެ.
ނަމަވެސް އެއަށްފަހު ސައޫދީ ޝާހީ އާއިލާގެ އެއްވެސް ރަސްމިއްޔާތަކުން ނޫނީ އެއްވުމަކުން މުހައްމަދު ބިން ނާއިފް ފެނިފައެއް ނުވެއެވެ. އަދި މުހައްމަދު ބިން ނާއިފް ގެ ރަހްމަތްތެރިއަކަށް ވެސް އޭގެ ފަހުން އޭނާ ނުފެންނަ ކަމަށްވެ އެވެ. ދާދިފަހުން ބޭއްވި މުހައްމަދު ބިން ނާއިފް ގެ ބޮޑުބޭބެގެ ޖަނާޒާގައި ވެސް އޭނާ ބައިވެރިވެވަޑައިގެންފައިނުވާ ކަމަށް ޚަބަރުތައް ބުނެއެވެ.
އަނެއްކޮޅުން ވަލީއުލްއަހްދު ކަމަށް ދާދިފަހުން އައްޔަންކުރެއްވި ދަރިކަލުން މުހައްމަދު ބިން ސަލްމާން އާ ރަސްކަން ހަވާލުކުރުމަށް ސަލްމާން ރަސްގެފާނު ތައްޔާރުވެ ވަޑައިގަންނަވާ ކަމުގެ ޚަބަރުތަކެއް ވެސް ވަނީ ފެތުރިފައެވެ. މިގޮތުން ސަލްމާން ރަސްގެފާނު ދިގު މުއްދަތަކަށް މަޣްރިބްގެ ރެސޯޓް ރަށެއް ކަމަށްވާ ތަންޖާ އަށް މި ހަފްތާގައި ވަޑައިގެންފައި ވަނީ ދަރިކަލުން މުހައްމަދު ބިން ސަލްމާން އާ ރަސްކަން ހަވާލުކުރުމާބެހޭ ޚިތާބެއް ސަލްމާން ރަސްގެފާނު ލައްވައި ރެކޯޑްކޮށް ނިންމެވުމަށްފަހުގައި ކަމަށް ވެސް ސައޫދީ ޝާހީ އާއިލާއާ ހަވާލާދީ ޚަބަރުތައް ބުނެއެވެ.
އަދި ވަލީއުލްއަހްދުގެ ނައިބު ކަމުގެ މަގާމަށް އައްޔަންކުރާނެ ޕްރިންސެއްގެ ނަން އަދި އިޚްތިޔާރު ނުކުރެވޭތީ ރަސްކަންބަދަލުކުރުމުގެ ކަންތައް ލަސްވެފައިވާ ކަމަށާ ނަމަވެސް ސެޕްޓެމްބަރު މަހު މުހައްމަދު ބިން ސަލްމާން ރަސްކަމަށް އިސްވެވަޑައިގަންނަވާނެ ކަމަށް މައުލޫމާތު ލިބެއެވެ. (ނޫސްއެޖެންސީތައް)