27 Jul 2017, 20:08
މާލޭގެ ކެފޭއެއްގެ ތެރޭގައި ހިނގި މާރާމާރީއެއްގައި ވަޅިން ހަމަލާދީ ޒަޚަމްކޮށްލި ޒުވާނާގެ ހާލު ސީރިއަސްވެ އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ.
މާރާމާރީގައި ޒަހަމްވީ ހއ. ތަކަންދޫ، އިބްރާހިމީހިޔާ، ނަދީމު އަބްދުއްރަހީމް (ނަޑޭ)، 23، އެވެ.
"ސަން" އަށް މައުލޫމާތު ދެމުން ނަޑޭގެ އާއިލާއިން ބުނީ އޭނާގެ ހާލު ސީރިއަސް ކަމަށާއި ބޮލަށް ފުން ޒަހަމްތަކެއް ލިބިފައިވާ ކަމަށެވެ. ނަދީމް ދިރިއޮތީ ވެންޓިލޭޓަރުގެ އެހީ ކަމަށާއި އޭނާ ސަލާމަތްވާނެ ކަމުގެ އުންމީދެއް ނެތް ކަމަށް ޑޮކްޓަރުން ލަފާކޮށްފައިވާ ކަމަށް އެ އާއިލާއިން ބުންޏެވެ.
މިއަދު އިރުއޮއްސި 6:30 ހާއިރު ނަދީމުގެ ގަޔަށް ވަޅި ހެރީ ލޮނުޒިޔާރަތް މަގުގައި ހުންނަ ކެފޭއެއގެ ތެރޭގަ އެވެ.
މަންޒަރު ދުއް މީހަކު "ސަން"އަށް ބުނީ އެ މާރާމާރީ ހިންގީ މޫނު ނިވާކޮށްގެން ތިބި ހަތަރު މީހަކު ކެފޭއަށް ވަދެ ކަމަށާއި ވަޅި ހެރީ ނަދީމްގެ ބޮލަށް ކަމަށެވެ.
ފުލުހުން އެތަނަށް ދިޔައިރު، މާރާމާރީ ހިންގި ވަޅި ވެސް އެތަނުގައި އޮތެވެ. އަދި ޒަހަމްވި ޒުވާންގެ ގައިން ފޭބި ލެ ވެސް އެތަނުގެ ތެރޭގައި ހުއްޓެވެ.
ފަހަކަށް އައިސް މާލޭގައި ވަނީ ސިލްސިލާ މާރާމާރީތައް އިތުރުވެފަ އެވެ. އެގޮތުން މިދިޔަ އަންގާރަ ދުވަހު ވެސް ވަނީ މާލޭގެ ދެ ސަރަހައްދެއްގައި މާރާމާރީ ހިންގައި ތިން މީހަކު ޒަހަމްކޮށްލާފަ އެވެ. އެ މާރާމާރީތަކާ ގުޅިގެން ފަސް ޒުވާނަކު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.